ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނުކުތަސް، ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭ މުއްދަތު އިތުރުކުރުމަށް ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އޮންނަ ގޮތުން، ދަރިފުޅުގެ އުމުރުން އެއް އަހަރު ވާންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހެއެވެ. ނަމަވެސް މިއަދު ފާސްކުރި އިސްލާހާއެކު މި މުއްދަތު ވަނީ ދެގުނަ އިތުރުކޮށްފައެވެ.
ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި ބިލުގައިވާ ގޮތުން، ދަރިފުޅުގެ އުމުރުން ދެ އަހަރު ވާންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭން ޖެހޭނެއެވެ. މިއީ މަސައްކަތުގެ މާހައުލުގައި އުޅެމުން ދަރިފުޅަށް ބޭނުންވާ އަޅާލުން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ގެނައި ބަދަލެކެވެ.
މީގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭން ޖެހޭ ނޯޓިހުގެ މުއްދަތަށް ވެސް މިއަދު ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް، އާ އިސްލާހުގެ ދަށުން އެއް އަހަރު ނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެއެވެ.
މި އިސްލާހުގައިވާ ގޮތުން ނޯޓިހުގެ މުއްދަތާ ގުޅޭގޮތުން ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އެހެން ގޮތަކަށް އެއްބަސްވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އެގޮތުން "އެއަށްވުރެ ކުރު މުއްދަތެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ނޯޓިހުގެ ގޮތުގައި ދޭން ޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ" ކަމަށް މިއަދު ފާސްކުރި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުތަކަކީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާއި، އާއިލީ ޒިންމާތައް އަދާކުރުމުގައި މުވައްޒަފުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ބަދަލުތަކެކެވެ.









