ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިސްމާއީލް އަބާން އަބްދުﷲ / މއ. ތަރިޖެހިއާގެ، (25އ) އާއި އަހުމަދު ދާން ފަރްހޫދު, ރަތްމާގެ / ސ. މަރަދޫ (19އ) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ ދެ މީހުން ބަލައިފާސްކުރިއިރު، ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތެވެ. މި މައްސަލާގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިދިޔަ ހަފުތާގައި ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފަސް މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި އިންޑިއާގެ ހަތަރު މީހުންނެވެ.










