ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަލަށް ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ހަމަޖައްސަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މިއީ މިހާރު ފްލެޓެއް ނުވަތަ ގޯއްޗެއް އޮތުމުގެ ސަބަބުން އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އާންމުން ކުރަމުންދިޔަ ޝަކުވާތަކަށް ހައްލެއް ހޯދައިދީ، ކޮންމެ އާއިލާއަކީ އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
މިކަމާ ގުޅޭ އުސޫލު ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ގެޒެޓުގައި ޝާއިއުކޮށްފައެވެ.
"ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ދަށުން ފޯމު ހުށަހަޅަން ޖެހެނީ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯއްޗެވެ. މި ސްކީމް ބަހާލެވިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށެވެ. އެއީ މާލޭގެ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ހާއްސަ ކެޓަގަރީއެވެ.


މި ފުރުސަތުގައި ކުރިން އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ފްލެޓެއް އޮތް ނަމަވެސް ކުރިމަތިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ނަމަވެސް، މިހާރު ހުޅުވާލާފައިވަނީ ހަމައެކަނި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި ށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑުތައް މިހާރު ވަނީ ގެޒެޓުގައި އާންމުކޮށްފައެވެ.








