އެމެރިކާގެ ސިފައިންތަކެއް އީރާނުގެ ބާރުގެ ދަށަށް ގެންގޮސް، ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މިއަދު ރަސްމީކޮށް ދޮގުކޮށްފި އެވެ.
މިކަމާ ގުޅިގެން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު އީރާނުގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ހުރިހާ ސިފައިންގެ މައުލޫމާތު މިހާރު ސާފުކޮށްފައިވާ ކަމަށާއި، އެއްވެސް މީހަކު މަދުނުވާ ކަމުގެ ޔަގީންކަން ޕެންޓަގަންއިން ދޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މި ހަބަރު ފެތުރެން ފެށީ މިދިޔަ ހޮނިހިރު ދުވަހު، އީރާނުގެ ބައެއް މީޑިއާތަކުން އެމެރިކާގެ އަސްކަރީ މީހުންތަކެއް އެގައުމުގެ ސަރަހައްދީ ރޮނގު ހުރަސްކުރި ކަމަށް ބުނެ ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ މިއީ ބައިނަލްއަގުވާމީ މުޖުތަމައުގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް އީރާނުން ފަތުރަމުންދާ ދޮގު ޕްރޮޕެގެންޑާއެއް ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިފަދަ ދޮގު ހަބަރުތައް ފެތުރުމުގެ ބޭނުމަކީ މެދުއިރުމަތީގައި އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކަށް ހުރަސްއަޅައި، ދުނިޔޭގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ގަލްފް ސަރަހައްދުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އަދި އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ ދީފަ އެވެ.










