އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި އެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ ސަރަހައްދީ ހަމަނުޖެހުން އިންތިހާއަށް ބޮޑުވެ، ގަލްފުގެ އެހެން ގައުމުތަކަށް ވެސް ހަމަލާތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ދީފައިވާ ހަމަލާތަކެކެވެ.
މި ހަމަލާތައް ދީފައިވަނީ މިރޭގެ ވަގުތެއްގަ އެވެ. އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ތެހެރާންގެ ތެޔޮ ގުދަންތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން ބޮޑެތި ގޮވުންތަކެއް ގޮވައި، މުޅި ސަރަހައްދުގައި ބޮޑެތި އަލިފާންގަނޑުތައް ވަނީ އުފެދިފަ އެވެ. މީގެ އިތުރުން، ގަލްފުގެ ބައެއް އެހެން ގައުމުތަކުގެ މުހިންމު މަރުކަޒުތަކަށް ވެސް އިސްރާއީލުން ދަނީ މެދުނުކެނޑި ހަމަލާދެމުންނެވެ.
މި ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގެ އިގްތިސާދީ ވަސީލަތްތައް ހަލާކުކޮށްލައި، އެ ސަރަހައްދުގައި އިސްރާއީލުގެ ނުފޫޒު ގަދަކުރުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އިސްރާއީލުގެ މި އުދުވާނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
އިސްރާއީލުން މުސްލިމް ގައުމުތަކަށް ދެމުންދާ މިފަދަ ލާއިންސާނީ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި މުޅި އިސްލާމީ އުންމަތަށް ދެވޭ ބޮޑު ގޮންޖެހުމެކެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން ބުނެފައިވަނީ، އިސްރާއީލުގެ މި އަމަލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރު ދަނީ މި ހަމަނުޖެހުން އިތުރަށް ފުޅާވިޔަނުދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިސްރާއީލުން ދަނީ އެއްވެސް ޖެހިލުމެއްނެތި ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަންނަމުންނެވެ.










