އެމެރިކާގެ ކޮންގްރެސްގެ މުރާޖައާ ކުރުމަކާ ނުލައި، އިސްރާއީލަށް 650 މިލިއަން ޑޮލަރުގެ އަގުހުރި 20،000 އަށްވުރެ ގިނަ ބޮން ވިއްކުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުއްދަ ދީފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މިވަގުތަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ. މީގެ ސަބަބުން، ހަތިޔާރު ވިއްކުމުގައި އާންމުކޮށް އަމަލުކުރާ އުސޫލުތަކާއި ކޮންގްރެސްގެ މުރާޖައާ ކުރުމުގެ މަރުހަލާ އުނިކޮށް، އަވަސް ގޮތެއްގައި މި މުއާމަލާތް ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ވަނީ ލިބިފަ އެވެ.
އެމެރިކާގެ އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި، މި 650 މިލިއަން ޑޮލަރުގެ މުއާމަލާތުގެ އިތުރުން، ސީދާ ވިޔަފާރީގެ އުސޫލުން 298 މިލިއަން ޑޮލަރުގެ ގޮވާތަކެތި ގަތުމަށްވެސް އިސްރާއީލުން ވަނީ ނިންމާފަ އެވެ.
މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އދ. އިން ޝާއިއުކުރި ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ގައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިފަދަ ނުރައްކާތެރި ބޮންތައް ބޭނުންކުރަމުންދާ ކަމަށް ބޮޑަށް ބެލެވެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެމެރިކާއިން މިފަދަ ބޮޑު އެހީތެރިކަމެއް ދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުން ބޮޑު ފާޑުކިޔުމެއް އަމާޒުވަމުންދާ ކަމެކެވެ.










