އީރާނުން އަވަށްޓެރި އަދި އެކުވެރި ގައުމުތަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ދީ، އެ ގައުމުގެ އަސްކަރީ އަމާޒުތައް ހުރީ ހަމައެކަނި އެމެރިކާއާ ގުޅުންހުރި މަގާމުތަކަށް ކަމަށް އީރާނުން ހާމަކުރައްވައިފި އެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، ޕާރޝިއަން ގަލްފް ސަރަޙައްދުގައި ތިބި އީރާނުގެ އަޚުންނަކަށް، އަދި އަވަށްޓެރި އެއްވެސް ޤައުމަކަށް އެ ގައުމުން ހަމަލާއެއް ނުދޭނެ ކަމަށެވެ. އަދި އީރާނުގެ ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އެމެރިކާގެ ބޭސްތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަރާގްޗީ އިތުރަށް ވިދާޅުވި ގޮތުގައި، އެމެރިކާގެ އަމިއްލަ ފަސްގަނޑަށް ހަމަލާދިނުމުގެ ބަދަލުގައި، މި ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް އީރާނަށް ވަނީ މަޖުބޫރުވެފަ އެވެ. މިއީ ސަރަޙައްދީ ހަމަޖެހުމަށް އިސްކަންދިނުމުގެ ގޮތުންނާއި، އެމެރިކާގެ ނުފޫޒާ ދެކޮޅަށް އަޅާ ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
މި ބަޔާނަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮތް ބިރުވެރިކަން ކުޑަކުރުމަށާއި، އީރާނުގެ އަސްކަރީ ފިޔަވަޅުތަކުގެ އަސްލު އަމާޒު ސާފުކޮށްދިނުމުގެ ގޮތުން ދީފައިވާ ބަޔާނެކެވެ. އީރާނުން މިފަދަ ޔަގީންކަމެއް ދީފައި މިވަނީ، ސަރަހައްދީ ބައެއް ގައުމުތަކުން އެ ގައުމުތަކުގައި ހުރި ބޭރުގެ އަސްކަރީ މަރުކަޒުތަކުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގައެވެ.










