ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށް، ޕީއެންސީގެ ފަރާތުން މާލެ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ 'ދޮރުން ދޮރަށް' ހަރަކާތުގެ ތެރެއިން ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ސިލްސިލާ ޒިޔާރަތްތަކުގެ ތެރެއިން، މިއަދު ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. މަގުމަތިންނާއި ގޭގެއިން ބައްދަލުވި ރައްޔިތުންނާ ސަލާންކުރައްވައި، އެމަނިކުފާނު ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް އޮޅުންފިލުއްވާފަ އެވެ.
މި ޒިޔާރަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ވަގުތު ދެއްވައި، އެ ބޭފުޅެއްގެ ޝުއޫރުތައް ވަރަށް ގާތުން އަޑުއެއްސެވިއެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ އިތުރުން ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައި ކުރިއަށްގެންދަވާ މި ހަރަކާތަކީ، ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ ދެކޭގޮތް ބެއްލެވުމަށް ކުރިއަށްގެންދަވާ މުހިންމު ހަރަކާތެކެވެ. ރައީސް މުޢިއްޒުގެ މި ޒިޔާރަތްތަކުގައި، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެން، ސިޓީ ކައުންސިލާއި ސަރުކާރު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފަ އެވެ.









