އީރާނުގެ ރޫހާނީ ލީޑަރު ހާމަނާއީ އަވަހާރަވެއްޖެ ކަމަށް ފަތުރަނީ ދޮގު ހަބަރެއް

އައިޝަތު ރުވާ ރިފްޢަތު | 8 ގަޑިއިރު ކުރިން - 28 ފެބްރުއަރީ 2026 19:18
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ---
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ---
ޚުލާސާ

މަނާއީގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދަނީ މަސްރަހު އިތުރަށް ގޯސްކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައި.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި އިސްރާއީލުގެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ހަބަރުތަކެއް ކަމަށް ކަމާބެހޭ މަސްދަރުތަކުން ހާމަކޮށްފި އެވެ.

މި ދޮގު ހަބަރުތައް ފެތުރެން ފަށާފައިވަނީ އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައެވެ. މި ހަމަލާތަކުގެ ތެރޭގައި ހާމަނާއީ ހުންނަވާ ރައްކާތެރި މަރުކަޒަށްވެސް ހަމަލާތަކެއް އަމާޒުވެފައިވެ އެވެ. ނަމަވެސް، އެމަނިކުފާނު އަވަހާރަވެއްޖެ ކަމަށް އިތުބާރު ހުރި އެއްވެސް މަސްދަރަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާމަނާއީގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދަނީ މަސްރަހު އިތުރަށް ގޯސްކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައެވެ. އީރާނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި، ރޫހާނީ ލީޑަރު ހުންނެވީ ގަދަވެ ސަލާމަތުންނެވެ. އަދި އެމަނިކުފާނު ގެންދަވަނީ ގައުމުގެ ހާލަތު ވަރަށް ގާތުން ބައްލަވައި، އިސްރާއީލުގެ އުދުވާނީ ހަމަލާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ސަރުކާރާއި އަސްކަރިއްޔާއަށް އިރުޝާދު ދެއްވަމުންނެވެ.

މި ހަމަލާތަކާ ގުޅިގެން ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، އީރާނުން ދަނީ އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމަށް ތައްޔާރުވަމުންނެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި ސައްހަ ނޫން މައުލޫމާތު ފެތުރުމަކީ ދިފާއީ ނިޒާމަށް ހުރަސްއެޅުމަށާއި، ނަފްސާނީ ގޮތުން ގައުމު ބަލިކޮށްލުމަށް އިސްރާއީލުން ކުރާ މަސައްކަތެއްގެ ގޮތުގައި އީރާނުގެ މަސްއޫލުވެރިން ސިފަކުރައްވަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%