އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މީނާބްގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް އިސްރާއީލުން މިއަދު ހެނދުނު ދިން ނުރައްކާތެރި ހަމަލާއެއްގައި ޝަހީދުވި މީހުންގެ އަދަދު 51 އަށް އަރައިފި އެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި އަނިޔާވެރި ހަމަލާގައި 51 މީހުން ޝަހީދުވެފައިވާއިރު، އިތުރު 60 މީހަކު ވަނީ އެކިވަރުގެ އަނިޔާތައް ލިބިގެން ޒަހަމްވެފަ އެވެ.

މީނާބް ސިޓީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު ރާދު މެހެރު، އިރްނާ ނޫސް އެޖެންސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުން މިއަދު ހެނދުނު އެ ސްކޫލަށް ހަމަލާދީފައިވަނީ "ސީދާ އަމާޒުކޮށްގެން" ކަމަށެވެ.

އޭނާ އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ހަމަލާދިން ވަގުތު އެ ސްކޫލް އިމާރާތުގެ ތެރޭގައި 170 އެއްހާ ދަރިވަރުން ތިއްބެވެ. މިހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް (ރެސްކިއު އޮޕަރޭޝަން) އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާތީ، ޝަހީދުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ހަމަލާއަކީ އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން އާންމު ރައްޔިތުންނާއި ކިޔަވައިދޭ މަރުކަޒުތަކަށް އަމާޒުކޮށްދިން ވަރަށް ރަހުމުކުޑަ ހަމަލާއެކެވެ. މި ހާދިސާއާ ގުޅިގެން މުޅި ސަރަހައްދުގައި ވަނީ ބިރުވެރިކަމާއި ހިތާމަވެރިކަން ފެތުރިފަ އެވެ.