އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން އީރާނުގެ ހުޅަނގު ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އަސްކަރީ "އެތައް ސަތޭކަ އަމާޒަކަށް" ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުން ބުނާ ގޮތުގައި، މި ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިސައިލް އުދުއްސާލުމަށް ބޭނުންކުރާ ލޯންޗަރުތަކާއި، އީރާނުގެ އަސްކަރީ މަރުކަޒުތަކަށެވެ. މީގެ އިތުރުން، އީރާނުގެ ފަރާތުން އަތުވެދާނެ ބަދަލުހިފުމުގެ ހަމަލާތަކަކަށް ތައްޔާރުވެ، އެގައުމުގެ ވައިގެ ސިފައިން ހުށިޔާރުކަމާއެކު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އިސްރާއީލުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެ އެވެ. މި ހަމަލާތަކަކީ ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމެއްގެ ގޮތުގައި މުހައްލިލުން ދެކެވަޑައިގަންނަވައެވެ. ހަމަލާތަކާ ގުޅިގެން ތެހެރާންގެ ރައްޔިތުން އެ ސިޓީ ދޫކޮށް ދިއުމަށް އީރާނުގެ ސަލާމަތީ މަޖިލީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިސްރާއީލުން އީރާނަށް މި ހަމަލާތައް ދީފައި މިވަނީ، މީގެ ކުރިން އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. މި ހާދިސާއާ ގުޅިގެން މުޅި މެދުއިރުމަތީގެ މަސްރަހު މިހާރު އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.