އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މީނާބްގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް އިސްރާއީލުން ދިން ރަހުމުކުޑަ ހަމަލާއެއްގައި މަރުވި ދަރިވަރުންގެ އަދަދު 24 އަށް އަރާފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ހޯރްމުޒްގާން ޕްރޮވިންސްގައި ހިމެނޭ މި ސިޓީގެ ސްކޫލަށް ދިން މި ހަމަލާއާ ގުޅިގެން މީގެ ކުރިން ރިޕޯޓްކޮށްފައިވަނީ ފަސް މީހުން މަރުވި ކަމަށެވެ. ނަމަވެސް، އީރާނުގެ ފާރްސް ނިއުސް އެޖެންސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާގައި ޝަހީދުވި ކުދިންގެ އަދަދު މިހާރު ވަނީ 24 އަށް އިތުރުވެފައެވެ.

މި ހަމަލާއަކީ އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދެމުންދާ ވައިގެ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. ކިޔަވާ ކުދިން ތިބި ސްކޫލަކަށް އަމާޒުކޮށް އިސްރާއީލުން މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަކީ އިންސާނިއްޔަތާ ހިލާފު، ބޮޑުވެގެންވާ ޖަރީމާއެކެވެ.

އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާއިރު، އިސްރާއީލުން ދަނީ އީރާނުގެ މަދަނީ އަމާޒުތަކަށްވެސް ހަމަލާދެމުންނެވެ. މި ހާދިސާއާ ގުޅިގެން މުޅި ސަރަހައްދުގައި ނުތަނަވަސްކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ.