އީރާނުގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުން (ނޭޝަނަލް ސެކިއުރިޓީ ކައުންސިލް)، އެ ގައުމުގެ ވެރިރަށް ތެހެރާންގައި ދިރިއުޅޭ ރައްޔިތުން އެ ސިޓީ ދޫކޮށް ރައްކާތެރި އެހެން ސަރަހައްދުތަކަށް ދިއުމަށް މިއަދު އަންގައިފި އެވެ.

އީރާނުގެ ސަލާމަތީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު އޮތް ނުރައްކާތެރި ހާލަތަށް ބަލައި، ވީހާވެސް ބޮޑަށް ހަމަޖެހުން ގާއިމުކޮށްގެން ތިބެ، ކުޅަދާނަކަން ހުރި މިންވަރަކުން އެހެން ރަށްތަކަށާއި ސަރަހައްދުތަކަށް ދަތުރުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މި އެންގުން އައިސްފައިވަނީ އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި ތެހެރާންގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ސަލާމަތީ މަޖިލީހުން ބުނި ގޮތުގައި، ރައްޔިތުންނަށް މި އިރުޝާދު ދީފައިވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި އީރާނުން މިފަދަ އަމުރެއް ރައްޔިތުންނަށް ނެރުނު ފުރަތަމަ ފަހަރެވެ.

މި ހާލަތާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ދެވޭ ކޮންމެ ހަމަލާއަކަށް އެކަށީގެންވާ ރައްދު ދޭނެ ކަމަށެވެ.