އުރުދުންގެ ޖައްވުގެ ތެރެއިން ދަތުރުކުރަމުންދިޔަ ބެލިސްޓިކް ދެ މިސައިލެއް އެ ގައުމުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާ ކަމަށް އެ ގައުމުގެ ސިފައިންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އުރުދުންގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން މި ދެ މިސައިލް ދެނެގަނެ، ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ވަނީ ވައްޓާލާފަ އެވެ. ނަމަވެސް، މި މިސައިލްތަކަކީ ކޮން ފަރާތަކުން ނުވަތަ ކޮން ގައުމަކުން ފޮނުވާލި މިސައިލްތަކެއްކަން އަދި މިހާތަނަށް ސާފުވެފައި ނުވާކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންދާ ވަގުތެއްގައި، ސަރަހައްދީ ގައުމުތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ރައްދުގައި އީރާނުން ވެސް ދަނީ އިޒްރޭލަށް ހަމަލާދެމުންނެވެ. އަދި ޔޫއޭއީއަށް ވެސް އީރާނުން ވަނީ ހަމަލާ ދީފަ އެވެ.

އުރުދުންގެ ސަރުކާރުން ބުނެފައިވަނީ އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ވައިގެ ސަރަހައްދު ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށްވެސް އެ ގައުމުން މައުލޫމާތުދެ އެވެ.