އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އިސްރާއީލާ ދެކޮޅަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދީފައިވާކަން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ކަށަވަރުކޮށްދީފިއެވެ.
އައިއާރުޖީސީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ މި އޮޕަރޭޝަން ހިންގީ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް ދިން ޙަމަލާގެ ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
އީރާނުން ފުރަތަމަ ފޮނުވީ އެއްފަހަރާ ގާތްގާތުގައި 30 މިސައިލް ކަމަށް އިސްރާއީލުން ބުނެއެވެ. މި މިސައިލްތައް ހުއްޓުވުމަށް އިސްރާއީލުގެ ވައިގެ ސިފައިންނާއި އެމެރިކާ އާއި އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންދާއިރު، އިތުރު ގެއްލުންތަކެއް ނުލިބޭނެ ގޮތަށް ޑިފެންސް ސިސްޓަމްތައް ވަނީ އެކްޓިވޭޓްކޮށްފައި ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.
ނަމަވެސް، އީރާނުގެ މިސައިލުގެ ރާޅުން ލިބުނު ގެއްލުމެއް ޒައެނިސްޓު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
އިސްރާއީލުގެ އުތުރުންނާއި ހައިފާ ސިޓީގައި ސައިރެންތައް މެދުކެނޑުމެއްނެތި އިވެމުން ދާއިރު، ޔަހޫދީ ރައްޔިތުން މިހާރު ތިބީ ބިންގަރާސްތަކަށް ވަދެ ފިލާފައެވެ.









