އިސްރާއީލުން މިއަދު ފަތިހުގެ ވަގުތެއްގައި އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުގެ ސިޔާދަތަށް އަރައިގަތް ކޮންމެ ފަރާތަކުން އެކަމާ ހިތާމަކުރަންޖެހޭނެ ފަދަ ވަރުގަދަ ރައްދެއް ދިނުމަށް އެ ގައުމުގެ އަސްކަރިއްޔާ އޮތީ "ފުރިހަމައަށް ތައްޔާރަށް" ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އީރާނުގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން މިއަދު ދީފައިވާ ހަމަލާތަކަކީ އީރާނުގެ ސަރަހައްދީ ނަޒާހަތްތެރިކަމާއި ގައުމީ ސިޔާދަތަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ގައުމުގެ ދިފާއީ އުމްރާނީ ވަސީލަތްތަކަށާއި، އެކި ސިޓީތަކުގައި ހުރި އަސްކަރީ ނޫން ތަންތަނަށް ކަމަށްވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އީރާނުން ބުނި ގޮތުގައި އެމެރިކާ އާއި ޒަޔަނިސްޓް އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ދިން މި އުދުވާނީ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. މިއީ ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރަމުން، އީރާނުން ވަނީ މި ހަމަލާއަށް އެކަށީގެންވާ ވަރުގަދަ ރައްދެއް ދިނުމުގެ ގާނޫނީ ހައްގު އެ ގައުމަށް ލިބިގެންވާކަން ފާހަގަކޮށްފަ އެވެ.

"އީރާނުގެ ރައްޔިތުންނަކީ އަބަދުވެސް ސަރަހައްދީ ހަމަޖެހުމަށްޓަކައި ކެތްތެރިކަން އިސްކުރާ ބައެއް. ނަމަވެސް، ގައުމުގެ ދިފާއުގައި އަސްކަރިއްޔާ މިއަދު އޮތީ ފުރިހަމައަށް ތައްޔާރަށް. އަދި އީރާނަށް އަރައިގަންނަ ކޮންމެ ފަރާތަކުން އެކަމާ ހިތާމަކުރަންޖެހޭނެ ފަދަ ރައްދެއް ދޭނަން،" އީރާނުގެ ހާރިޖިއްޔާގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އެމެރިކާ އާއި އިސްރާއީލުގެ މި އަމަލަކީ "ހަތިޔާރު ބޭނުންކޮށްގެން ދިން އުދުވާނެއްގެ" ސާފު މިސާލެއް ކަމަށާއި، އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ނަފްސުގެ ދިފާއުގައި ރައްދު ދިނުމުގެ ފުރިހަމަ އިހްތިޔާރު އީރާނަށް ލިބިގެންވާ ކަމަށް އެ ގައުމުން ބުނެ އެވެ.

ތާރީހަށް ބަލާއިރު އީރާނަކީ ދުވަހަކުވެސް ބޭރުގެ އުދުވާންތަކަށް ބޯލަނބާނެ ބައެއް ނޫން ކަމަށާއި، މިފަހަރުވެސް އީރާނުގެ ރައްދު ވެގެންދާނީ ދުޝްމަނުންނަށް އެކަމުގެ ހިތި ނަތީޖާ ފެންނާނެ ފަދަ ވަރުގަދަ ރައްދަކަށް ކަމަށް ބުނެ އީރާނުން ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ.