މި ހަމަލާތަކަކީ އީރާނުން ކުރިން ދީފައިވާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދެވޭ "ސީދާ އަސްކަރީ ހަމަލާތަކެއް" ކަމަށް އިޒްރޭލުން ދައުވާކުރި ނަމަވެސް، މި އަމަލުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ. އަރަބި ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމާއެކު، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައި، ގިނަ ފްލައިޓްތަކެއްގެ ރޫޓުތައް ބަދަލުކުރަން ވަނީ މަޖުބޫރުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ ބޮޑު ހަނގުރާމައަކަށް މިކަން ބަދަލުވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިޒްރޭލުގެ މި އިސްތިއުމާރީ އަދި ހަރުކަށި އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، ކުށެއް ނެތް އެތައް އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވަމުންދާކަން އިސްލާމީ ގައުމުތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އިޒްރޭލުގެ ހަމަލާތަކަށް އެކަށީގެންވާ ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި، މެދުއިރުމަތީގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަސްކަރީ އަދި ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންނެވެ.

އިޒްރޭލުން އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މެދުއިރުމަތީގެ ގިނަ އަރަބި ގައުމުތަކަކުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ މި ހަމަލާތައް އަމާޒުވެފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށެވެ. މި ހަމަލާތަކުގެ ސަބަބުން ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން އުރުދުން، އިރާގު އަދި ލުބުނާނުގެ އިތުރުން ގަތަރު، ކުވެއިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފައެވެ. މި ގައުމުތަކުން މި ފިޔަވަޅު އަޅާފައިވަނީ، ސަރަހައްދީ ހަމަނުޖެހުން ބޮޑުވެ، މަދަނީ ފްލައިޓްތަކަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށާއި، އެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައެވެ.