އެމެރިކާއާއި އީރާނުގެ ނިއުކުލިއަ މަޝްވަރާ: އެމެރިކާގެ ހުށަހެޅުން އިންތިހާއަށް އަމިއްލަ އެދުން ބޮޑު

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 3 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 23:57
އީރާން: ގޮތް ދޫނުކުރާނެ
އީރާން: ގޮތް ދޫނުކުރާނެ
ޚުލާސާ

އެމެރިކާއިން ވަނީ އީރާނުގެ ނަތަންޒް، އިސްފަހާން އަދި ފޯޑޯގައި ހުރި މުހިއްމު ނިއުކްލިއާ މަރުކަޒުތައް ވަގުތުން، އަދި ދާއިމަށް ބަންދުކުރުމަށް ހުށަހަޅާފައެވެ.

ޖެނީވާގައި އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިއަރ މަޝްވަރާތައް ބުރާސްފަތިދުވަހު ކުރިއަށް ދިޔައީ ހަނގުރާމައިގެ ބިރުވެރިކަމާއި ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާއާއި އީރާނާ ދެމެދު ނިއުކްލިއާ މަޝްވަރާތަކުގެ ތިންވަނަ ބުރު ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ދިޔައިރު، ދެ ފަރާތުގެ މެދުގައި ބޮޑު ފަރުބަދައެއް ފަދަ ޚިޔާލުތަފާތުވުންތައް ހުއްޓެވެ.

ނިއުކްލިއާ މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ހަނގުރާމައިގެ ނުރައްކާ ނައްތާލުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހަމައެޔާއެކު މަޝްވަރާ ބައްދަލުވުމަށް އެމެރިކާއިން ވަނީ އަމިއްލަ އެދުން އިންތިހާއަށް ބޮޑު އަދި ހަރުކަށި ހުށަހެޅުންތަކެއް ހުށަހަޅާފައެވެ.

އެމެރިކާއިން ވަނީ އީރާނުގެ ނަތަންޒް، އިސްފަހާން އަދި ފޯޑޯގައި ހުރި މުހިއްމު ނިއުކްލިއާ މަރުކަޒުތައް ވަގުތުން، އަދި ދާއިމަށް ބަންދުކުރުމަށް ހުށަހަޅާފައެވެ.

އޭގެ އިތުރުން މިހާތަނަށް އީރާނުން މުއްސަނދިކޮށްފައިވާ ހުރިހާ ޔޫރޭނިއަމްއެއް އެމެރިކާއަށް ބަދަލުކުރަން ވެސް އެމެރިކާއިން އެދިފައިވެއެވެ. އަދި އެކަމާ ބެހޭ އެއްބަސްވުމަކަށް އަތުވެއްޖެނަމަ އެ އެއްބަސްވުމަކީ ދުނިޔެ ގިޔާމަތް ވާނދެން ދިގުދެމިގެންދާ އެއްބަސްވުމަކަށް ވެސް ވާންޖެހެއެވެ.

ހަނދާންކުރަންޖެހޭ ކަމަކީ އެމެރިކާގެ މި ހުށަހެޅުންތަކަކީ 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ އެހެން ބާރުތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ނިއުކްލިއާ މަޝްވަރާތަކާ މުޅިން ތަފާތު ހުށަހެޅުންތަކެއް ކަމެވެ.

އީރާނަށް ދަތި ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަކި މުއްދަތަކަށް ފަހު އުވާލުމުގެ މާއްދާއެއް ވެސް މަޝްވަރާ ކުރެވުނު ކަރުދާހުގައި ހިމެނެއެވެ. ނަމަވެސް އެމެރިކާއިން ދަނީ އެ މާއްދާ އެއްބަސްވުމުން މުޅިން އުނިކުރުމަށް ބާރުއަޅަމުންނެވެ.

ނިއުކްލިއާ އެއްބަސްވުމެއް އެކުލަވާލާނޭ ގޮތުގެ ދެލިކޮޕީއެއް އީރާނުން ހުށަހެޅިކަމަށް ވިޔަސް އެމެރިކާއިން ބޭނުން ވަނީ އެއަށްވުރެ ހަރުކަށި އަދި އީރާނުގެ އަތްފައި ބަނދެ ހަރަކާތެއްވެސް ނުކުރެވޭވަރުގެ އެއްބަސްވުމަކަށް ދާށެވެ.

އަރަބި ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި އެ ދެލިކޮޕީގައި އީރާނުން ވަނީ ޔޫރޭނިއަމް މުއްސަނދިކުރުމުގެ މިންވަރު 60 ޕަސެންޓުން 3.6 ޕަސެންޓަށް ދަށްކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް އެމެރިކާއިން ބޭނުން ވަނީ ޔޫރޭނިއަމް ފައްކާކުރުން މުޅިން ހުއްޓާލަންޖެހޭ މާއްދާއެއް ހިމެނުމަށެވެ. އެކަމާ އީރާނުން ކަނޑައެޅިގެން ދެކޮޅެވެ. އީރާނުގެ ވެރިން ގަބޫލުކުރާގޮތުގައި ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު އީރާނަށް ވެސް ލިބެންޖެހޭނެއެވެ.

ބުރާސްފަތި ދުވަހުގެ މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަންތައްތަކާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަޝްވަރާ ކުރިއަށް ދިޔައީ ފައިދާހުރި ގޮތެއްގައި ކަމަށް ދެ ފަރާތުން ވެސް ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާ އެދޭފަދަ އެއްބަސްވުމަކަށް ދާން އީރާން ދެކޮޅު ހަދާނަމަ، އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެއެވެ. އެމެރިކާއިން ވަނީ އީރާނު ސަރަހައްދަށް ހަތިޔާރާއި ސިފައިން ޖަމާކޮށްފައެވެ.

އީރާނު ވެސް އޮތީ އެމެރިކާއިން ޖަހައިފިއްޔާ ޖަހާގޮތަށެވެ. މޮޅުވާނީ އެމެރިކާ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އިރާނު އޮތީ ބަލިވިޔަސް ގޮތް ދޫކޮށް ހަތިޔާރު ބަހައްޓާގޮތަކަށް ނޫނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%