ރަމަޟާން މަހަކީ ނަފުސުގެ ޖިހާދާއި، ނަސްރާއި ކާމިޔާބީގެ މައްސަރު: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު | 14 ގަޑިއިރު ކުރިން - 27 ފެބްރުއަރީ 2026 13:12
ހުކުރު ހުތުބާގެ ވަގުތު---
ހުކުރު ހުތުބާގެ ވަގުތު---
ޚުލާސާ

ރަމަޟާން މަހަކީ ނަފުސު ތަހުޒީބުކޮށް، ތާރީހީ ނަޞްރުތައް ހަނދާން އާކޮށް، އަޅުކަމާއި ޒަކާތުގެ ޒަރީޢާއިން ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންވީ މައްސަރެއް ކަމަށް ހުތުބާގައި ފާހަގަކުރި.

ބަރަކާތްތެރި ރަމަޟާން މަހަކީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމުގެ މަހެއް ނޫން ކަމަށާއި، މިއީ އަމިއްލަ ނަފުސާއި ހަވާނަފުސާ ދެކޮޅަށް ކުރެވޭ އެންމެ މަތިވެރި ޖިހާދުގެ މައްސަރުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ "ރަމަޟާން މަސް: ނަސްރާއި، ތަރުބިއްޔަތާއި، ކާމިޔާބީގެ މައްސަރު" މި މައުޟޫގެ މައްޗަށެވެ. ހުތުބާގައި ފާހަގަކުރި ގޮތުގައި، ރޯދައިގެ ސަބަބުން އިންސާނާގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބުކުރުމަށް ބާރުއަޅަ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، މުޖާހިދަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި އަމިއްލަ ނަފުސާ ދެކޮޅަށް ޖިހާދުކުރާ މީހާ ކަމަށެވެ.

އިސްލާމީ ތާރީހުގައި މުސްލިމުންނަށް ލިބުނު އެންމެ ބޮޑެތި ނަސްރުތައް ލިބިފައިވަނީ ރަމަޟާން މަހުގައެވެ. އެގޮތުން ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިނގި ބަދުރު ހަނގުރާމައަކީ މުސްލިމުންގެ މަދު ލަޝްކަރަކުން ކާފިރުންގެ ބޮޑު ލަޝްކަރެއްގެ މައްޗަށް ހޯދި ތާރީހީ ކާމިޔާބީއެކެވެ. މީގެ އިތުރުން، ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހު މައްކާ ފަތަހަކުރެވުނު ހާދިސާއަކީ މުޅި އިސްލާމީ ތާރީހު ބަދަލުކޮށްލި މަތިވެރި ފަތަހައެކެވެ.

ހުތުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި، އަންދަލުސް ފަތަހަވުމާއި، ތަތާރުންގެ މައްޗަށް މުސްލިމުން ހޯދި ކާމިޔާބީއަކީވެސް މި ބަރަކާތްތެރި މައްސަރުގައި ލިބުނު ނަސްރުތަކެވެ. މި ކަންކަމުން އެނގެނީ ނަސްރު ލިބެނީ ހަމައެކަނި ބާރުގެ ގޮތުން ނޫން ކަމާއި، ﷲ އަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުން ކަމެވެ.

ރަމަޟާން މަހަކީ ކަންނެތްވެ، މަސައްކަތްތައް ހުއްޓާލައި ނިދުމުގެ މަހެއް ނޫންކަން ފާހަގަކޮށް، ހުތުބާގައި ވަނީ އަޅުކަމުގައި ހީވާގިވުމަށް ގޮވާލާފަ އެވެ. ހާއްސަކޮށް ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތައް އިހުޔާކޮށް، އެއް ހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ލައިލަތުލްގަދުރި ރޭގެ ހެޔޮކަން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސްކުރި އެވެ.

މުޖުތަމައުގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުވާލަމުން، ރޯދަމަހުގެ ހުރުމަތް ހިފެހެއްޓުމަށް ހުތުބާގައި ބާރުއެޅި އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން، ރޯދަމަހުގެ ދުވާލު އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ހިދުމަތް ނުދިނުމަށާއި، އެކަމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް އިލްތިމާސްކުރި އެވެ. އަދި ފަތުރުވެރިން އާންމުންގެ ތެރެއަށް ނުކުމެ އުޅޭއިރު، އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހެދުން އެޅުމާއި އުޅުމަށް އިރުޝާދު ދިނުމަކީ ކައުންސިލްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެއްކަމަށް ހުތުބާގައި ބުންޏެވެ.

ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށްޓަކައި، ރަމަޟާން މަސް ނިމުމުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. ފިތުރު ޒަކާތަކީ ރޯދައަށް ހުރެ ދެއްކޭ ބޭކާރު ވާހަކަތަކުންނާއި ކުރެވޭ ނުރަނގަޅު ކަންކަމުން ރޯދަވެރިޔާ ތާހިރުކޮށްދޭ ކަމެކެވެ. ޒަކާތުގެ މިންވަރަކީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ސާއެއް (ގާތްގަނޑަކަށް 2.4 ކިލޯ) ނުވަތަ އޭގެ އަގެވެ. އީދު ނަމާދުގެ ކުރިން ޒަކާތް ނެރުމަކީ ވާޖިބެއްކަމަށާއި، އޭގެ ފަހުން ނެރޭ ޒަކާތް ބެލެވޭނީ އާދައިގެ ސަދަގާތެއްގެ ގޮތުގައި ކަމަށްވެސް ހުތުބާގައި ބަޔާންކުރި އެވެ.

ހުތުބާ ނިންމާލާފައިވަނީ، މި ބަރަކާތްތެރި މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބު ލިބޭ ބަޔަކު ކަމުގައި އަޅަމެން ލެއްވުމަށް އެދި ދުއާކުރަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%