ރަސްމާލެއިން ހުޅުމާލޭގެ ދެ ފޭސް ވަރުގެ ބޮޑު ސަރަހައްދެއް ހިއްކައިފި: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 3 ގަޑިއިރު ކުރިން - 26 ފެބްރުއަރީ 2026 23:40
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ރައީސް ވާހަކަފުޅުދައްކަވަނީ---
މިރޭ ކުރިއަށްދާ ޕީއެންސީގެ ތަރާވީހުގައި ރައީސް ވާހަކަފުޅުދައްކަވަނީ---
ޚުލާސާ

މީގެ އިތުރުން ހުޅުމާލޭގެ ފޭސް 3 ހިއްކާ ނިމިފައިވާ ކަމަށާއި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި

ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލުމުން ލިބޭ ވަރުގެ ބޮޑު ސަރަހައްދެއް ހިއްކާ ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ތަރާވީސް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް 380 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބިމުގެ ބޮޑުމިނާ އެއްވަރުގެ ސަރަހައްދެކެވެ.

"އިރާދަކުރެއްވިއްޔާ އޭޕްރީލް މަހުގެ ނިޔަލަށް ރަސްމާލެ ހިއްކާ ނިމޭނެ. އެ ހިސާބުން އެތައް ހާސް ބަޔަކަށް ގޯތި ދިނުމުގެ މަރުހަލާ ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ހުޅުމާލޭގެ ފޭސް 3 ހިއްކާ ނިމިފައިވާ ކަމަށާއި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުގެ މައިގަނޑު އަމާޒަކީ ވައުދުތައް ފުއްދައި، ރައްޔިތުންނަށް ނަތީޖާ ނެރެދިނުން ކަމަށް ވިދާޅުވިއެވެ. މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެކަންކަމުގެ ތަފްސީލު ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއުގެ ތެރެއިން، ރައްޔިތުންނަށް އެންމެ އުނދަގޫވާ މަގުތައް ސަރުކާރުގެ ހަރަދުގައި މިހާރު ހަދަމުންދާ ކަމަށެވެ. އެގޮތުން ބާޒާރުމަތީގެ އެންމެ ބާރުބޮޑު މަގުތައް ތާވަލާ އެއްގޮތަށް ނިމިފައިވާ ކަމަށާއި، ދެން އޮތީ ފެރީ ޓާމިނަލާ ހަމައަށް އެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

މާލޭގެ މަރާމާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރިން އިސްކޮށް ހުންނެވި މަގާމުތަކުގައި މާލޭގެ ތަރައްގީއަށް ކުރެއްވި ގިނަ ކަންކަން މިހާރުގެ ކައުންސިލުން އަޅާނުލުމުގެ ސަބަބުން ވީރާނާވަމުންދާ ކަމަށެވެ. ނަމަވެސް، ސަރުކާރުން މިހާރު ވަނީ އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ކައުންސިލްގެ ތެރެއިން ދިމާވާ އުނދަގޫތަކާއި ހުރަސްތަކަށް ނިމުމެއް އަންނަންޖެހޭ ކަމަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%