އިސްރާއީލު ސިފައިން ފަލަސްތީނު ކުއްޖެއްގެ ގަޔަށް ބަޑިޖެހުމަށްފަހު، ޝަހީދުވަންދެން ތިބީ ބަލަން

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 26 ފެބްރުއަރީ 2026 21:46
ޝަހީދުކޮށްލާފައިވާ ޖާދު ގެ ފޮޓޯގަނޑެއްގެ ކައިރީގައި އޭނާގެ ބައްޕަ ހުއްޓިގެން---
ޝަހީދުކޮށްލާފައިވާ ޖާދު ގެ ފޮޓޯގަނޑެއްގެ ކައިރީގައި އޭނާގެ ބައްޕަ ހުއްޓިގެން---
ޚުލާސާ

ބަޑިޖެހުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް ލިބުނު މިކުއްޖާ މަގުމަތީގައި އޮތްއިރު، ކުއްލި ފަރުވާ ދިނުމަށް އެސަރަހައްދަށް ދިޔަ އެމްބިއުލަންސްތަކާއި ސިއްހީ އެހީތެރިންނަށް އިސްރާއީލު ސިފައިން ވަނީ ހުރަސްއަޅާފައި.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ތެރެއިން، ފަލަސްތީނުގެ އުމުރުން އެންމެ 15 އަހަރުގެ ޖާދު ޖާދަﷲ ގަޔަށް ބަޑިޖަހައި، އެ ކުއްޖާ ލޭހުސްވެގެން ޝަހީދުވަންދެން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދީ އެ އަނިޔާވެރި ސިފައިން ތިބީ ބަލަންށެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅަނގު އައްސޭރީގެ ގަލްގީލިޔާ ސިޓީގަ އެވެ. އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް ލިބުނު މި ކުއްޖާ މަގުމަތީގައި އޮތްއިރު، އޭނާއަށް ކުއްލި ފަރުވާ ދިނުމަށް އެ ސަރަހައްދަށް ދިޔަ އެމްބިއުލަންސްތަކާއި ސިއްހީ އެހީތެރިންނަށް އިސްރާއީލު ސިފައިން ވަނީ ހުރަސްއަޅާފަ އެވެ.

މި ހާދިސާ ފެނުނު މީހުންނާއި އާއިލާއިން މައުލޫމާތު ދޭ ގޮތުގައި، އިސްރާއީލު ސިފައިން އެ ސަރަހައްދު ވަށާލައިގެން ތިބީ އެ ކުއްޖާގެ ހަށިގަނޑުން ލޭހުސްވެ، ފުރާނަ ދަންދެންނެވެ. އެއްވެސް ރަހުމެއް ނެތި ހިންގި މި އަމަލުގެ ސަބަބުން އެ ކުއްޖާ ވަނީ ގިނަ އިރުތަކެއް ވަންދެން ވޭނުގައި އޮތުމަށްފަހު ޝަހީދުވެފަ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ދަނީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނާއި އާންމުންނަށް އަމާޒުކޮށް މިފަދަ ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. އަދި ޒަހަމްވާ މީހުންނަށް ފަރުވާ ދިނުމަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އެ މިނިސްޓްރީން ސިފަކުރެއެވެ.

މި ހާދިސާއާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ އިސްރާއީލުގެ މި އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ހިންގަމުންދާ މިފަދަ ލާއިންސާނީ ޖަރީމާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ބައިނަލްއަގުވާމީ މުޖުތަމައުން މިކަން ހުއްޓުވުމަށް އެދެވޭ ފިޔަވަޅެއް އަޅަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު ޖިހާދަށް ތާއީދުކުރާ ގައުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ވަނީ ބައިނަލްއަގުވާމީ މަސްރަހުގައި ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި، އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލާފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%