އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ކުރެވިގެން ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސް.ވައި. ވާގަސް އިސްލާމްވެއްޖެ އެވެ.
މާވިން އިސްލާމް ދީން ގަބޫލުކޮށްފައިވަނީ އޭނާގެ މައްޗަށް މީހަކު ގަސްދުގައި މަރާލުމުގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓަ އެވެ. މާވިންއާއެކު މި މައްސަލައިގައި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުލަތުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ މާވިންއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައިވާ ގޮތުން މާވިން މިހާރު ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން 'ޔޫސުފް' ގެ ނަމަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އޭނާއާ މުހާތަބު ކުރެއްވީ ވެސް އާ ނަމުންނެވެ.
ދައުލަތުން ކޯޓުގައި ހުށަހަޅާފައިވާ ދައުވާގައި ބުނާ ގޮތުން، މޭރީ މަރާލާފައިވަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ، އެކަމުގެ ތެރެއިން އުފެދުނު އެކި މައްސަލަތަކަކާ ގުޅިގެންނެވެ. މި މަރުގެ ހާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.
މި މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ކުރީ މޭރީގެ މަރުގެ ތަހުގީގަށް ލަމްހާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ ބައެއް ބޭސްތަކާއި އިންޖެކްޝަންތައް ފެނުމާ ގުޅިގެންނެވެ.
މާވިން އިސްލާމްވުމާ ގުޅިގެން، އޭނާގެ ދިފާއީ ވަކީލުން ވަނީ ޝަރީއަތުގެ މަޖިލީހުގައި އެކަން ފާހަގަކޮށްފަ އެވެ. ނަމަވެސް މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ. މޭރީގެ މަރުގެ މައްސަލައަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް މައްސަލައެވެ.










