ސައުވީސްގަޑިއިރުތެރޭ އެފް-16ގެ ދެފައިޓާޖެޓް ވެއްޓިއްޖެއެވެ. އެމެރިކާގައި އުފައްދާ އެފް-16 ގެ ޖެޓުގެ ތެރެއިން ފުރަތަމަ ވެއްޓުނީ ތުރްކިޔޭގެ އަސްކަރިއްޔާގައި ބޭނުންކުރާ ފައިޓާ ޖެޓެކެވެ. ދެން މިއަދު ވެއްޓުނީ ދެކުނު ކޮރެއާގެ އަސްކަރިއްޔާގައި ބޭނުންކުރާ ފައިޓާ ޖެޓެކެވެ.
މީގެތެރެއިން ތުރްކިޔޭގެ ވައިގެ ސިފައިން އޮޕަރޭޓްކުރާ އެފް-16 ވެއްޓުނީ މިޝަނެއްގެ ތެރޭގައި އުޅެނިކޮށެވެ. މި ހާދިސާގައި ޕައިލެޓް މަރުވިކަން އެ ޤައުމުން ކަށަވަރުކޮށްދީފައިވާއިރު، ބޯޓު ވެއްޓުނު ސަބަބު ދެނެގަތުމަށް ވަނީ ތަޙްޤީޤު ފަށާފައެވެ.
މިއަދު ދެން ހިނގި ހާދިސާ އަކީ ރިޕަބްލިކް އޮފް ކޮރެއާ އެއާފޯސް އަށް ނިސްބަތްވާ އެފް-16 ވެއްޓުނު ހާދިސާއެވެ. މި ފައިޓާ ޖެޓް ވެއްޓުނީ ޓްރެއިނިން އެކްސަސައިޒެއްގައި ޔެއޮންޖޫ ކައިރިއަށެވެ. ދެކުނު ކޮރެއާގެ އަސްކަރީ ކަމާބެހޭ ފަރާތްތަކުން ބުނީ ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ކަމަށް ޝައްކު ކުރެވޭތީ ކަމަށާއި، ރަސްމީ ތަހުގީގެއް ކުރިއަށްދާ ކަމަށެވެ. މި ހާދިސާގައި ޕައިލެޓް ވަނީ ސަލާމަތް ވެފައެވެ.










