ރާއްޖޭގެ ރަށްރަށުގެ ސިއްހީ ހިދުމަތް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމާލައިފި އެވެ.
މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 56 އެމްބިއުލާންސް ރާއްޖެއަށް ގެނައުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ. މި އެމްބިއުލާންސްތަކުގެ ތެރެއިން އެއް އެމްބިއުލާންސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހަވާލުކޮށްފައިވާއިރު، ބާކީ ހުރި 55 އެމްބިއުލާންސް މިހާރު ވަނީ ކަނޑައެޅިފައިވާ އެކި ރަށްތަކަށް ފޮނުވާ ނިންމާފަ އެވެ.
އެމްޕީއެލުން ބުނި ގޮތުގައި، އެމްބިއުލާންސްތައް ރަށްތަކާ ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މައުލޫމާތު ދިނުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން، އެމްޕީއެލްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަމްރީނާއި މައުލޫމާތު ފޯރުކޮށްދީފަ އެވެ.
މީގެއިތުރުން، ރަށްރަށުގައި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލާންސްތަކަށް ދިމާވެފައިވާ އެކި މައްސަލަތައް ދެނެގަތުމުގައިވެސް އެމްޕީއެލްގެ ޓީމުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެމްޕީއެލް އިން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ތަނުގައި ހެލްތު މިނިސްޓްރީއާ އެކު ސާވިސް ކޮންޓްރެކްޓެއްގެ ދަށުން މަސައްކަތް ކުރުމަށް ރާވަމުންދާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސްތައް ގަވާއިދުން ސާވިސް ކުރުމާއި، ބޭނުންވާ ސްޕެއާ ޕާޓްސް ފޯރުކޮށްދިނުމުގެ ހިދުމަތް އެމްޕީއެލް މެދުވެރިކޮށް ދިނުމާ ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގައި ކުއްލި ފަރުވާގެ ހިދުމަތް އަވަސްކޮށް، ސިއްހީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.









