ނިއުކްލިއާ އެއްބަސްވުމަކަށް އައުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން އީރާނުން ތައްޔާރަށް އޮތް ކަމަށް އީރާނުގެ ހާރިޖީ ވަޒީރުގެ ނައިބު މާޖިދު ތަހްތު ރަވާންޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ހާރިޖީ ވަޒީރުގެ ނައިބު ވިދާޅުވީ އެމެރިކާއާއެކު ވީހާވެސް އަވަހަކަށް އެއްބަސްވުމަކަށް އައުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސްވިޒަލޭންޑުގައި ނިމިފައިވާއިރު، ބުރާސްފަތި ދުވަހު މަޝްވަރާތަކުގެ އައު ބުރެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެއީ އީރާނަށް ވަރަށް ނުބައި ދުވަހަކަށް ވާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ބުނެފަ އެވެ.
މީގެ ކުރިން އެމެރިކާއިން ދޭ އިންޒާރުތަކަށް އީރާނުން ދިން ޖަވާބުގައި ބުނެފައި ވަނީ އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް އީރާނުން ވަރުގަދަ ރައްދެއް ދޭނޭ ކަމަށެވެ.
އެމެރިކާއާއި އީރާނާ ދެމެދު އަންނަ ބުރާސްފަތި ދުވަހު ޖެނީވާގައި މަޝްވަރާތައް އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އެކަން އީރާނަށް ވަރަށް ނުބައި ދުވަހެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.
އީރާނަށް ބިރުދައްކައި ފިއްތުންތައް ކުރިމަތިކޮށް ހަނގުރާމައެއް ފަށަން އެމެރިކާއިން ވަނީ އީރާނު ސަރަހައްދަށް ހަތިޔާރާއި ސިފައިން ޖަމާކޮށްފައެވެ.










