ގިނަ އަހަރުތަކަކަށްފަހު, ޕްރައިވެޓް ކެންޑިޑޭޓުންގެ ގޮތުގައި އޭ ލެވެލް އެޑެކްސެލް މާއްދާތަކުުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް މޭ/ޖޫން ސީރީސްގެ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެންމެ ފަހުން އޭ ލެވެލް އިމްތިހާނު މެއި/ޖޫންގައި ބާއްވާފައިވަނީ ކޮވިޑުގެ ކުރިންނެވެ.
މި ބަދަލު މިނިސްޓްރީން ގެނެސްފައިވަނީ ހައިސްކޫލް ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ ޕެޓިޝަނަކާ ގުޅިގެންނެވެ.
އެގޮތުން ޕެޓިޝަނުގައިވާ ގޮތުން ރީސިޓް ނުވަތަ އަލުން އިމްތިހާން ހަދަން ގަސްތުކުރާ ނަމަ 12 ގެ އޭ2 އިމްތިހާނާއެކު ވެސް ރީސިޓް ކުރެވިދާނެއެވެ. ނަމަވެސް ކިޔަވަން ލިބޭ ވަގުތު މަދުވުމާއި ދެ އިމްތިހާން އެއްކޮށް ހެދުމުގެ ތަކުލީފު ބޮޑުވާހަކަ އޭލެވެލް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.
އަދި އިމްތިހާނު މެއި/ޖޫން ގައި ރީސިޓް ކުރަން ބޭނުންވާނަމަ ހަމައެކަނި އޮތް ފުރުސަތަކީ އަވަހަށް އިމްތިޙާން ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމެވެ. މިކަމުގެ ސަބަބުން ކުރަންޖެހޭ ހަރަދު ބޮޑުވުމާއި, ފިލާވަޅުތައް ގެއްލުމާއި, ބީރައްޓެހި ތަނަކަށް އިމްތިހާނު ހަދަން އެކަނި ދާންޖެހޭކަން ގިނަ ދަރިވަރުންވަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާގުޅިގެން މިނިސްޓްރީން ވަނީ ޕްރައިވެޓް ކެންޑިޑޭޓެއްގެ ގޮތުގައި އޭލެވެލް މާއްދާތައް ހަދަން ބޭނުންވާ ކެންޑިޑޭޓުންނަށް މި އަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މެއި/ޖޫން ސީރީޒްގައި ރާއްޖޭއިން ބައިވެރިވެވޭނެކަމަށް ނިންމައިފަ އެވެ.


އެގޮތުން މި އަހަރުގެ މެއި/ޖޫން ސީރީސްގެ އިމްތިހާނު ތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.







