ހުޅަނގު އައްސޭރީގެ މައްޗަށް ޔަހޫދީން ގަދަވުން، މިއީ ޢަރަބީންގެ ފިނޑިކަން!

ޢަބްދުﷲ ޖުނައިދު | 13 ގަޑިއިރު ކުރިން - 23 ފެބްރުއަރީ 2026 14:05
ހުލަނގު އައްސޭރީގައި ހޫދީން ދިރިއުޅެން އެޕާޓްމަންޓުތައް ހަދާފައި / ފޮޓޯ: ގެޓި އިމޭޖް
ހުލަނގު އައްސޭރީގައި ހޫދީން ދިރިއުޅެން އެޕާޓްމަންޓުތައް ހަދާފައި / ފޮޓޯ: ގެޓި އިމޭޖް
ޚުލާސާ

2183 މޭލު ހުންނަ ހުޅަނގު އައްސޭރީގެ ބިމުގެ 60 އިންސައްތަ ނުވަތަ 1310 މޭލު އިސްރާއީލުން މިހާރު ވަނީ ހިފައި، 150000 ގެދޮރުވެސް ޢިމާރާތް ކޮށްފަ

ހުޅަނގު އައްސޭރިން ފަލަސްޠީނުގެ ޢަރަބީންގެ ވަސް ވެސް ކަނޑުވާލާނެ ކަމަށް ޔަހޫދީން ބުނާބުނުމެވެ. ފެންނަ މަންޒަރުތަކާއި ހިސާބު ނަންބަރުތަކަށް ބަލާއިރު މިއަދު ހުޅަނގު އައްސޭރި އަކީ ޢަރަބީންގެ އަތުން ގެއްލިފައިވާ ބިމެކޭ ބުނެވިދާނެއެވެ. ޔަހޫދީންގެ އެޖެންޑާގައި ޖެހި، އެމީހުން ޖެހި ކޮންމެ މަޅިފައްޗެއްގައި ފަލަސްޠީނުގެ ޢަރަބީން ޖެހުމުގެ ނަތީޖާ އަކީ އެމީހުންގެ މެދުގައި ބައިބައިވުން އުފެދި، ތަޅާފޮޅައި އެންމެ ފަހުން އެ ބިން ޒައެނިސްޓުން ޖަހައިގަތުމެވެ. މިއީ ސީދާ ޔަހޫދީން ޕްލޭން ކުރި ގޮތް ވެސް މެއެވެ.

ޔަހޫދީންނަށް ބާރު ލިބުނީ ފަލަސްޠީނުގެ ޢަރަބީން ޔަހޫދީ ދައުލަތަށް އެ ބާރު ދިނީމައެވެ. ނަތީޖާ އަކީ ބިމުގެ ކޮންޓުރޯލް ގެއްލި، ދައުލަތުގެ ކޮންޓްރޯލް ވެސް ގެއްލި، ޔަހޫދީ ދައުލަތަށް ހުޅަނގު އައްސޭރި ބަރޯސާ ވާން ޖެހުމެވެ.

2009 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ފަލަސްޠީނުގެ ރައްޔިތުންނަށް ހުޅަނގު އައްސޭރީން ލިބުނީ ބަރާބަރު 66 ގެއެވެ. ނަމަވެސް އެ މުއްދަތުގައި ޒައެނިސްޓު ދައުލަތުގެ ރައްޔިތުންނަށް ހުޅަނގުއައްސޭރީން 22000 ގޯތި ދޫކޮށް އެތަންތަނުގައި ޢިމާރާތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ރިޕޯޓު ތަކުގައި ބުނެއެވެ.

ހުޅަނގު އައްސޭރީގެ ބޮޑު ބައެއް އޮތީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އެ ސިޓީ ތަރައްޤީ ކުރުމަށް ވެސް ޒައެނިސްޓުން ވަނީ ބޮޑުތަނުން ހުރަސް އަޅާފައެވެ.

1917 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރި އަށް އައިސްފައިވާ ބަދަލު ދައްކުވައިދޭ ޗާޓެއް.

ތަފާސްހިސާބު ތަކަށް ބަލާއިރު ފާއިތުވި ދެއަހަރު ތެރޭގައި ޒައެނިސްޓުން ވަނީ ހުޅަނގު އައްސޭރީގެ 2500 އެއްހާ ގެދޮރު ތަޅައި ސުންނާފަތި ކޮށްލާފައެވެ. މީގެ އިތުރުން 3،500 މީހުން އެމީހުންގެ ގެދޮރުން ނެރެ އެ ގެތައް އަތުލާފައެވެ. އޭގެ ކުރީ ނުވައަހަރު ވެސް ހުޅަނގު އައްސޭރީން ގާތްގަނޑަކަށް 5000 ގެ ވަނީ ތަޅާލައި އެ ބިންތައް ޒައެނިސްޓު އަސްކަރިއްޔާގެ ބެލުމުގެ ދަށަށް އަތުލާފައެވެ. ޔަހޫދީން ދެއްކި ޙިއްޖަތަކީ އެއީ ޢިމާރާތް ކުރުމަށް ހުއްދަ ނުނަގައި އެޅިނގެދޮރެވެ. ކުރަނެ ކަމެއް ނެތެވެ. އަމިއްލަ ބިމުގައި ގެއެއް އަޅަން ޖެހުނަސް ހުލަނގު އައްސޭރީގެ ޢަރަބީންނަށް މިހާރު ޖެހެނީ އިސްރާއީލުގެ ސަރުކާރުގެ ސިޓީ އެއް ހޯދައި އަދި ޖިޒީ ވެސް ދައްކާށެވެ.

މިއަދުގެ ޙަޤީޤަތަށް ބަލާއިރު، ބޮޑުމިނުގައި 2183 މޭލު ހުންނަ ހުޅަނގު އައްސޭރިއަށް ގަދަބާރުން އަރައި ޒައެނިސްޓުން ވަނީ އެތަނުގެ އަހުލުވެރީންގެ ގެދޮރުތައް ތަޅައި އެތަންތަން އަތުލައި ޒައެނިސްޓު ދައުލަތުގެ ބާރުގެ ދަށަށް ބިމުގެ 60 އިންސައްތަ ގެނެސްފައެވެ. މިއީ 1310 މޭލެވެ. ފަލަސްޠީނު ރައްޔިތުންގެ ކޮންޓުރޯލުގައި މިހާރު އޮތީ އެތަނުގެ އެންމެ 873 މޭލެވެ. އިސްރާއީލުން ވަނީ އެތަނަށް ފަސްލައްކަ ޔަހޫދީން ވަޒަންވެެރިކުރުވައި 150،000 ގޯތި ނުވަތަ އެޕާޓްމަންޓުވެސް އަޅައިދީފައެވެ.

އެހެންކަމުން ފަލަސްޠީނުގެ ބިމަކީ ތިމަންނާގެ ބިމެއް ކަމަށް “އިލާހީ ވަޙީ” އިން އަންގާފައި ވާތީ އޭ ކިޔައި އެތަން ހޯދުމަށް ޔަހޫދީން ކުރާ މަސައްކަތުގައި އެ މީހުން އެ ދަނީ ޢަރަބީންގެ މައްޗަށް ކާމިޔާބު ހޯދަމުންނެވެ. މި ކާމިޔާބު އެ މީހުންނަށް ލިބުނީ ފަލަސްޠީނުގެ ޢަރަބީންގެ ފިނޑިކަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%