ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ރިފްއަތު އަބްދުﷲ، ކިނާރާ / މ. ވޭވަށް، މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި، ރިފްއަތު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފަ އެވެ. ރިފްއަތު އަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރިފްއަތު އާއި ހަވާލުކޮށް ދެއްވާފައެވެ.
އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރީ އެ ކޮމިޝަނުގެ މެންބަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވެ އެ މަގާމު ހުސްވުމާ ގުޅިގެންނެވެ. ރިފްއަތު ވަނީ އެ ކޮމިޝަނުގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތްވެސް ކުރައްވާފަ އެވެ.
އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި މެންބަރު އަބްދުއްރަހުމާން ސޮލާހު ރަޝީދާއި ހަަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއީލެވެ. މީގެތެރެއިން ހަސަން ޒަކަރިއްޔާއަކީ ވެސް މީގެކުރިން ކޮމިޝަންގެ ގާނޫނީ ޓީމުގައި ހިމެނުނު ބޭފުޅެކެވެ.










