މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.
މި މަޝްރޫއަކީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓުގެ ޕެކޭޖު 2 ގެ ދަށުން ހިންގާ މަސައްކަތެއް ކަމަށް ކޮންސްޓަރަކްޝްން މިނިސްޓަރީން ފާހަގަކުރި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ޓެކް އިންޓަނޭޝަނަލް އިންކޯޕަރޭޝަނާ އެވެ.
މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލޭގައި ޤާއިމުކޮށްފައިވާ 16 ޕަމްޕު ސްޓޭޝަން އޮޓޮމޭޓްކުރުމަށްޓަކާ ހަރުކުރަންޖެހޭ އަލާތްތައް ހަރުކުރުމާއި، މި 16 ޕަމްޕު ސްޓޭޝަން މޮނިޓަރކުރުމަށްޓަކާ ސެންޓްރަލައިޒްޑް މޮނިޓަރިންގ ސްޓޭޝަނެއް ޤާއިމުކުރުން ހިމެނެ އެވެ. މީގެ އިތުރުން ފެން ހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގް ވެހިކަލެއް ފޯރުކޮށްދިނުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
މިނިސްޓަރީން ބުނިގޮތުގައި، މި މަސައްކަތް ޓެކް އިންޓަރނޭޝަނަލްއާ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 1.5 މިލިޔަން ޑޮލަރަށް، 487 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ނިޒާމު ޤާއިމުކުރެވުމުން، ފެންހިންދާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ހުއްޓުމެއްނެތި، 24 ގަޑިއިރު މޮނިޓަރކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
"ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓަކީ މާލޭގެ ބިނާރާ ވަރުގަދަކުރުމަށް ހިންގާ މުހިންމު މަޝްރޫއެކެވެ. މި ޕްރޮޖެކްޓުގެ ޕެކޭޖު 1 ގެ ދަށުން މާލޭގެ ބޮޑުހިލައިގެ ބޭރުތޮށި މަރާމާތުކޮށް ތަރައްޤީކުރުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާއެކު މީގެ ކުރިން ވަނީ ސޮއިކޮށްފަ އެވެ.









