ގަވާއިދާ ހިލާފަށް ބޭރު މަގުގައި ޕާކުކުރާ އުޅަނދުތައް މާދަމާއިން ފެށިގެން ޓޯކުރަނީ

އައިޝަތު ރުވާ ރިފްޢަތު | 9 ގަޑިއިރު ކުރިން - 22 ފެބްރުއަރީ 2026 17:50
އާންމު ފަރުދެއް މަގުގެ އެއްކައިރިއަށް ސައިކަލުގައި މަޑުކޮށްލުމަށްފަހު ފުލުހަކާ ވާހަކަދައްކަނީ. / ފޮޓޯ: ޚުލާސާ
އާންމު ފަރުދެއް މަގުގެ އެއްކައިރިއަށް ސައިކަލުގައި މަޑުކޮށްލުމަށްފަހު ފުލުހަކާ ވާހަކަދައްކަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ މިފަދަ އުޅަނދުތައް، މިރޭ 23:30 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފައި.

މާލޭގެ މަގުތަކުގައި، ހާއްސަކޮށް ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ ބޮޑު އޮޕަރޭޝަނެއް މާދަމާއިން ފެށިގެން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން 23 ފެބުރުވަރީ 2026 އިން ފެށިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތައް ޓޯކުރާނެ އެވެ. މީގެ އިތުރުން 'އޭ' ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން މާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ފުލުހުންގެ ފަރާތުން ގެޒެޓުކޮށްފައިވާ އިއުލާނުގައިވެ އެވެ.

މި އޮޕަރޭޝަނަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 5/2009) ގެ ދަށުން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ މިފަދަ އުޅަނދުތައް، 22 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ ރޭ 23:30 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

ފުލުހުން އިތުރަށް ބުނީ، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން މަގުމަތީގައި ހުންނަ މިފަދަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ޓޯކޮށްގެން ގެންދެވޭނެ ކަމަށެވެ. އަދި އުޅަނދުތައް ޓޯކޮށްގެން ގެންދިއުމުގެ ތެރޭގައާއި، ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ހިދުމަތުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ހާމަކޮށްފަ އެވެ.

މީގެ އިތުރުން، ޓޯކުރެވޭ އުޅަނދުތައް ފުލުހުން ބަހައްޓާ ތަނުން އަނބުރާ ގެންދިއުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ. މި ފިޔަވަޅަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އާންމު ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ހުންނަ އުޅަނދުތައް މަދުކުރުމަށް އަޅާ ފިޔަވަޅެކެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%