އީރާނަށް ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ އަގެއް ދައްކައިގެން ވެސް އީރާނަށް ޔޫރޭނިއަމް މުއްސަނދި ކުރުމުގެ ގާބިލުކަން ހުއްޓުވާނެ ކަމަށެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ކުޅަދާނަކަން ނުލިބޭނޭ ގޮތަށް ހަދާނޭކަމަށެވެ.
މިކަމާ ގުޅިގެން މައުލޫމާތު ލިބިފައިވާ މަސްދަރުތަކާ ހަވާލާދީ ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުން އީރާނާ މުއާމަލާތް ކުރުމަށް ވަނީ ދެ މަގެއް ކަނޑައަޅާފައެވެ.
އެ މަސްދަރުތަކުން ބުނާ ގޮތުގައި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ އަސްކަރީ އަދި ޑިޕްލޮމެޓިކް ގޮތްތައް ވެސް ރައީސް ޓްރަމްޕުގެ ކުރިމައްޗަށް ގެންދަވާފައެވެ. އެހެންވެ މިހާރު ހުރިހާ ސަމާލުކަމެއް ދީފައިވަނީ މަޝްވަރާތަކަށެވެ. އެކަމަށް ބަދަލެއް އަތުވެއްޖެނަމަ ދެން އޮންނާނީ އީރާނަށް ހަމަލާ ދިނުމެވެ.
އަނެއްކޮޅުން ރިޔާސީގަނޑުވަރުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އީރާނަށް ހަމަލާ ދިނުމަށް މިވަގުތު އިއްތިފާގުން ތާއީދު ނުކުރާކަން ހާމަކޮށްފަ އެވެ.
އެހެން އޮފިޝަލަކު ވިދާޅުވީ ޑޮނަލްޑް ޓްރަމްޕް އިސްކަން ދެނީ ޑިޕްލޮމެޓިކް މަގަށް ކަމަށެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން އީރާނުން އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ސިޔާސީ ހައްލެއްގެ ތަފުސީލު ހޯދުމަށް ހާރިޖީ ވަޒީރު މާކޯ ރޫބިއޯ އާއި އެހެން އިސް އޮފިޝަލުންނާ އެކު ރައީސަށް އެހީތެރިވެދެއްވުމުގެ ޒިންމާ ހަވާލުކުރައްވާފައިވާ މަރުކަޒީ ފަރާތަކީ ރައީސްގެ ދަނބިދަރިފުޅު ޖޭރެޑް ކުޝްނާ އެވެ. އަނެއްކޮޅުން ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އަމިއްލަފުޅު ބައްދަލުވުންތަކުގައި އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް މި ވަގުތު ނުދިނުމަށް ވަކާލާތު ކުރައްވާފައެވެ.
ރިޔާސީ ގަނޑުވަރުގެ އޮފިޝަލަކު ވިދާޅުވީ ހުރިހާ މަޝްވަރާތަކެއްގެ އަޑުވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ރަނގަޅަށް އަޑުއަހާ ކަމަށާއި ނަމަވެސް އެމެރިކާގެ ގައުމީ ސަލާމަތުގެ މަސްލަހަތަށް ރިއާޔަތްކޮށް އެންމެ ފަހު ނިންމުން ނިންމަވާނީ ރައީސް އަމިއްލަފުޅަށެވެ.
އެމެރިކާއާއެކު އީރާނުން އެންމެ ފަހުން ބޭއްވި ނިއުކްލިއާ މަޝްވަރާތަކަށް ފަހު، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އީރާނުގެ ހާރިޖީ ވަޒީރު ސުލްހައިގެ އެއްބަސްވުމަކަށް ދާން ދެލިކޮޕީއެއް ތައްޔާރުކުރެވިފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އެމެރިކާގެ ރައީސް ގެންދަނީ އީރާނަށް ބިރުދެއްކުމުގެ ގޮތުން އަސްކަރީ ހަމަލާތަކެއް އީރާނަށް ދިނުމަށް ވިސްނަމުންނެވެ.
އީރާނަށް ބިރުދައްކަވައި ފިއްތުންތައް ކުރިމަތި ކުރަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އޮތް އެންމެ ރަނގަޅު މަގަކީ "އިންސާފުވެރި އެއްބަސްވުމަކަށް" މަޝްވަރާ ކުރުން ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.










