މެއި މަހު ބާއްވާ ލޯކަލް އިންތިޚާބުގެ ކުރިން، މުޅި އިނގިރޭސިވިލާތުގެ 1،000 އަށް ވުރެ ގިނަ ކައުންސިލަރުން ފަލަސްތީނުގެ ޙައްޤުތަކަށް ތާޢީދު ކުރާނެ ކަމަށް ބުނެފިއެވެ. އިނގިރޭސި ބޮޑުވަޒީރު ސްޓަމާ އަކީ ފަލަސްޠީނުގެ ޙައްޤުތަކަށް ތާޢީދު ކުރުމުގައި ދެކޮޅު ހަދާ އިސްރާއީލުގެ ޕަޕެޓެެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އިނގިރޭސި ސަރުކާރާއި ދެކޮޅަށް ފަލަސްޠީނުގެ ޙައްޤުތަކަށް ތާޢީދު ކުރާނެ ކަމަށް ވަޢުދުވެ ސޮއިކޮށްފައިވާ 1،028 ކައުންސިލަރުން ހިމެނޭ އިރު އޭގެ ތެރެއިން 345 ކައުންސިލަރުންނަކީ ގްރީންސް ޕާޓީގެ ކައުންސިލަރުންނެވެ. ދެން ހިމެނެނީ ލޭބަރ ޕާޓީގެ 338، ލިބަރަލް ޑިމޮކްރެޓުންގެ 104 އަދި ކޮންޒަވޭޓިވް ޕާޓީގެ 3 ކައުންސިލަރުންނާއި މިނިވަން ޕާޓީތަކުގެ މީހުން ކަމަށް އިނގިރޭސި މަސްދަރުތަކުން ބުނެއެވެ.
ސޮއިކުރި ފާހަގަކޮށްލެވޭ ފަރާތްތަކުގެ ތެރޭގައި ގްރީން ޕާޓީގެ ޑެޕިއުޓީ ލީޑަރު މޮތިން އަލީ އާއި ޕްރެސްޓަން ސިޓީ ކައުންސިލްގެ ލީޑަރު ލޭބާ ޕާޓީގެ މެތިއު ބްރައުން އަދި ބާމިންހަމްގެ ކައުންސިލަރު އަޔޫބް ޚާން ހިމެނެއެވެ.
މި ކައުންސިލަރުންނަށް ތާއީދު ކުރުމަށް ގޮވާލައި ޕީޕަލްސް ޕްލެޖް ފޯ ފަލަސްތީން ވެސް ދަނީ ކެމްޕޭން ކުރަމުންނެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މިއީ ލޭބަރ ޕާޓީއަށް އޮތް ތާއީދު ދަށްވެ، މުހިންމު ކައުންސިލްތައް އެ ޕާޓީއަށް ގެއްލިދާނެ ކަމުގެ ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއް ވެސް މެއެވެ.
ލީޑްސް އީސްޓްގެ ލޭބަރ ޕާޓީގެ މެމްބަރު ރިޗާޑް ބާގަން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ބޮޑުވަޒީރު ސްޓާމަރ ދެކޮޅު ހެދުމަކީ ގޯހެއް ކަމަށެވެ.










