ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލާއި ދެކޮޅަށް އެންމެ ގަދަޔަށް ފާޑުކިޔަމުންދާ އެއް ގައުމު ކަމަށްވާ އަޔަރލޭންޑުން އިސްރާއީލުގައި އުފައްދާ ހަތިޔާރުތައް ގަތުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފިއެވެ.
އަޔަރލޭންޑުގެ އަސްކަރިއްޔާ އާއި ހަވާލާދީ މެދުއިރުމަތީގެ ހަބަރުތައް ބުނާ ގޮތުގައި އަަޔަރލޭންޑުން ވަނީ 14 މިލިޓަރީ ޑްރޯން ގަންނަން ބޭނުންވާ ކަމަށް އިސްރާއީލަށް އަންގާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަޔަލޭންޑްގެ ޑިފެންސް ފޯސަސް ކޯޕްސް އޮފް އިންޖިނިއަރުން ވަނީ ސަވައިލެންސް، ސާޗް އެންޑް ރެސްކިއު އަދި އެހެނިހެން ކްލަސިފައިޑް މިޝަންތަކަށް ހާއްސަކޮށްގެން އަސްކަރީ ޑުރޯންތައް ގަަންނަން ބޭނުންވާކަމަށާ މިތަކެތި ގަންނަން ވަރަށް އަވަހަށް އިސްރާއީލަށް އޯޑަރު ކުރާނެއެވެ.
އަޔަލޭންޑަކީ ޣައްޒާގައި އިސްރާއީލުގެ އަމަލުތަކަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ގައުމެވެ. ފަލަސްތީނުގެ ދައުލަތްވެސް އަޔަލޭންޑުން ބަަލައިގެންފައިވާއިރު އިސްރާއީލާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ތުހުމަތުތަކުގައި އެގައުމުން ވަނޫ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ބައިވެރިވި ވެސް ވެފައެވެ.
މިދިޔަ ދިހަ އަހަރު ތެރޭގައި އަޔަލޭންޑުން ވަނީ އިސްރާއީލުގެ ދިފާއީ ކުންފުނިތަކުން އަސްކަރީ ސާމާނު ގަތުމަށް އެތައް މިލިއަން ޔޫރޯއެއް ހަރަދުކޮށްފަ އެވެ. އަޔަލޭންޑްގެ ޑިފެންސް މިނިސްޓްރީން ކަށަވަރުކޮށްދިން ގޮތުގައި އިސްރާއީލުން އުފައްދާ ސާމާނު ބޭނުންކުރުމާ ގުޅޭ ގޮތުން އެމީހުންގެ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށާއި، ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް، އަމަލީ ސްޓޭންޑެއް ދަމަހައްޓާ ކަމަށެވެ.









