މަސްޖިދުލް އަގްސާގައި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު ހުކުރުކުރަން ވަދެވޭނީ ފަލަސްޠީނުގެ އެންމެ 10،000 މީހުންނަށް ކަމަށް ބުނެ ހުކުރަށް ދިޔަ އެތައްލައްކަ ބަޔަކު އިޒުރޭލުން ހުއްޓުވައިފި އެވެ. އިޒުރޭލުން ބުނީ 10،000 މީހުންނަށް ވުރެ އިތުރު ބަޔަކަށް ހުކުރު ނަމާދުކުރަން ވަނުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ. އެއީ ކުރީ އަހަރުތަކުގައި މަސްޖިދުލް އަގްސާ އަށް ވަދެ އަޅުކަންކުރާ އެތައް ލައްކަ މީހުންގެ ވަރަށް މަދު އިންސައްތަ އެކެވެ.
އިޒުރޭލުން ވަނީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގުސާ މިސްކިތުގެ ދޮރުމައްޗާއި މެދުވައްޗަށް ފަލަސްތީނު މީހުން ވަނުން ވަރަށް ބޮޑަށް މަދުކޮށް، ރާމަالله ކައިރީގައި އޮންނަ ގަލަންދިޔާ ޗެކްޕޮއިންޓުގައި ހުކުރު ދުވަހު އެތައް ސަތޭކަ ބަޔަކު ސަފު ހައްދަން މަޖުބޫރުކޮށްފައެވެ.
އެކަމަކު އިޒުރޭލުގެ ކަމާބެހޭ ފަރާތްތަކުން ކުރިން ބުނި ގޮތުގައި ހިފާފައިވާ ހުޅަނގު އައްސޭރީން 10،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުންނަށް، ހުކުރު ދުވަހު އިސްލާމްދީނުގެ އެންމެ މާތް އެއް ބިމަށް ވަނުމުގެ ހުއްދަ ދޭނެއެވެ.
އަނިޔާވެރި އިޒުރޭލުން އަގްސާ މިސްކިތުގައި ނަމާދު ކުރަން ވަދެވޭނީ ފަލަސްތީނުގެ ވަކި އުމުރެއްގެ ބަޔަކަށް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. އަގްސާ މިސްކިތަށް ވަނުމުގެ ޝަރުތު ހަމަވަނީ 12 އަހަރުން ދަށުގެ ކުދިންނާއި، 55 އަހަރުން މަތީގެ ފިރިހެނުންނާއި، 50 އަހަރުން މަތީގެ އަންހެނުންނަށް އެކަންޏެވެ.
އިޒުރޭލުގެ "ޗެނަލް 12" ޓީވީން ހާމަކުރި ގޮތުގައި ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް ވަކިކުރާ ޗެކްޕޮއިންޓްތަކުގައި އިޒުރޭލު ސިފައިން ހުކުރު ދުވަހާ ދިމާކޮށް ވަރަށް ވަރުގަދައަށް ފޯރިމަރަމުން ގޮސްފައި ވެއެވެ. އެހެންވެ ހުކުރު ނަމާދުގެ ކުރިން ޤަލަންދިޔާ ޗެކްޕޮއިންޓު ހުރަސްކޮށް ޤުދުސްއަށް ވަދެވުނީ އެންމެ ދެ ހާހެއްހާ ފަލަސްތީނު މީހުންނަށެވެ.
ފަލަސްތީނުގެ އަޅުކަންކުރާ މީހުން ހުޅަނގު އައްސޭރީގެ ރާމަالله އާއި ގުދުސް އާއި ދެމެދުގައި އޮންނަ އިޒުރޭލު ސިފައިންގެ ގަލަންދިޔާ ޗެކްޕޮއިންޓު ހުރަސްކޮށް ދިއުމުގެ އުއްމީދުގައި ތިއްބަސް އެ މީހުންނަށް އެ މީހުންގެ އެ އުއްމީދު ހުކުރު ދުވަހު ފުރިހަމަ ވާގޮތެއް ނުވިއެވެ.
އަލްއަގްސާ މިސްކިތާއި މިސްކިތުގެ ދޮރުމައްޗާއި މެދުވައްޗަށް ޒިޔާރަތް ކުރުމަކީ ފަލަސްތީނު މީހުންގެ ސަގާފަތުގެ ބައެކެވެ.
"ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި 3.3 މިލިއަން މީހުން އެބަ އުޅޭ. ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހު އެންމެ 10،000 މީހުންނަށް ނަމާދު ކުރުމުގެ ހުއްދަ ދިނުމަކީ ކަނޑަށް ތިއްކެއް އެޅުން ފަދަ ކަމެއް. އަދި އެތަނަށް ވަދެވުނު މީހުންނަށް ވަދެވުނީ ވެސް ބޮޑު ހަނގުރާމައެއް ކޮށްގެން." އަލްޖަޒީރާގެ ނޫސްވެރިއަކު ބުނެފައި ވެއެވެ. "އެހެން އަހަރުތަކުގައި އެ މާތް ތަނުން 250،000 އަޅުކަންކުރާ މީހުން ފެނިފައިވޭ. މި ފަހަރު މި ފެނުނީ ކުރީ އަހަރުތަކާ އަޅައި ބަލާއިރު ވަރަށް މަދު އަދަދެއް."
އިޒުރޭލުން ގެންދަނީ ފަލަސްޠީނު ރައްޔިތުންގެ ދީނީ މިނިވަންކަމަށް ހުރަސް އަޅައި ނަމާދުކޮށް ރޯދަހިފާ މީހުންނަށް ވަރަށް ބޮޑަށް ގޯނާކުރަމުންނެވެ.










