އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ކަނޑައެޅިފައިވާ ވަކި އަދަދަކަށް ޢަސްކަރީ ހަމަލާތަކެއް ދިނުމަށް ވިސްނަމުންދާކަމަށް ބުނެފި އެވެ. ނަމަވެސް ރައީސް ޓްރަމްޕް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އައުމަށް އީރާނަށް ޕްރެޝަރު ކުރުމަށް ކޮންމެވެސް ވަރަކަށް އީރާނަށް ހަމަލާ ދިނުމަށް ވިސަނަންތޯ ނޫސްވެރިން ކުރި ސުވާލަކަށް ޓްރަމްޕްގެ ޖަވާބަކީ އެކަމާ ވިސްނަމުންދާ ކަމަށް ބުނެވިދާނެ ކަމަށެވެ.
ރޮއިޓާސްއިން އެކަން ހާމަކުރުމުގެ ކުރިން
މައުލޫމާތު ލިބިފައިވާ މަސްދަރުތަކުން "ސީއެންއެން"އަށް މައުލޫމާތު ދީފައި ވަނީ އީރާނަށް ހަމަލާ ދޭނެ އަމާޒުތަކުގެ ލިސްޓެއް އެމެރިކާ ސިފައިންނަށް ލިބިފައި ނުވާ ކަމަށެވެ. މިއީ ރައީސް ޓްރަމްޕް އަދި ވަކި އަސްކަރީ ފިޔަވަޅެއް އަޅުއްވަން ނިންމަވާފައި ނުވާކަމުގެ އިޝާރާތެކެވެ. ނަމަވެސް އޮފިޝަލުންނާ ހަވާލާދީ ސީއެންއެންއިން ބުނެފައި ވަނީ އެމެރިކާގެ ރައީސް ބޭނުންފުޅުވާ ހުރިހާ ކަމެއް ފުއްދައިދޭނެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު މިހާރު ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ.
މީގެ ކުރިން "ވޯލް ސްޓްރީޓް ޖާނަލް" އިން ވެސް ބުނެފައި ވަނީ އީރާނަށް އެއްބަސްވުމަކަށް، ދާން މަޖުބޫރު ކުރުމަށްޓަކައި ކަނޑައެޅޭ ވަކި އަދަދަކަށް ހަމަލާތަކެއް ދިނުމަށް ރައީސް ޓްރަމްޕް ވިސްނަމުންދާ ކަމަށެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ އަމާޒަކަށް ވާނީ އަސްކަރީ އަދި ސަރުކާރުގެ މުހިއްމު މަރުކަޒުތަކެވެ. ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާލަން އީރާނުން ދެކޮޅު ހަދާނަމަ، ވޮޝިންޓަނުން އެކަމާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ހިންގާނެ ކަމަށް އެ ނޫހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ދާދިފަހުން ޓްރަމްޕް ވަނީ އީރާނަށް އެއްބަސްވުމަކަށް އައުމަށް ގިނަވެގެން 10 ދުވަހާއި 15 ދުވަހާއި ދެމެދުގެ މުއްދަތެއް ދީފައެވެ.
ޓްރަމްޕް އިތުރަށް ހާމަކުރިގޮތުގައި އެމެރިކާއިން ހުށަހަޅާފައިވާ ގޮތަށް އީރާނުން އެއްބަސް ނުވެއްޖެނަމަ ނޭދެވޭ ކަންތައްތަކެއް ހިނގާނެ ކަމަށެވެ.
ރައީސް ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތްކަމަށް ވިޔަސް އަބަދަށް އެކަން އެ ގޮތަށް ހުޅުވާލެވިފައެއް ނޯންނާނެ އެވެ.










