ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް" އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލީ ނާޖިހު އަހުމަދު، ހުޅެވި/ ބ. ކުޑަރިކިލު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އޭގެ ފަހުން، ފެބްރުއަރީ 19 ވަނަ ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފައިވާ ކަމަށެވެ. މި މުއްދަތު ހަމަވާނީ 2026 ފެބްރުއަރީ 26 ވަނަ ދުވަހަށެވެ.
ދިވެހި ފުލުހުންގެ ހުދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ހުދުމަތުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ މައްސަލަތަކެއްކަން ފުލުހުން ފާހަގަކުރެ އެވެ.









