ޕީއެންސީގެ ކެމްޕޭން ވަރުގަދަކުރުމަށް ރައީސް މުއިއްޒު 'ދޮރުން ދޮރަށް'

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 22:09
ކައުންސިލް އިންތިހާބަށް ކެންޕެއިން ކުރުމަށް ރައީސް 'ދޮރުން ދޮރަށް' ވަޑައިގަތުން/  ފޮޓޯ:ޕީއެންސީ
ކައުންސިލް އިންތިހާބަށް ކެންޕެއިން ކުރުމަށް ރައީސް 'ދޮރުން ދޮރަށް' ވަޑައިގަތުން/ ފޮޓޯ:ޕީއެންސީ
ޚުލާސާ

މިއަދު މާލޭގައި ފެށި މި ހަރަކާތުގައި ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ މާފަންނު ހުޅަނގު ދާއިރާއަށް.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ފާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބޮޑު ކާމިޔާބީއެއް ހޯދައިދެއްވުމަށްޓަކައި، އެ ޕާޓީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު 'ދޮރުން ދޮރަށް' ހަރަކާތްތައް މިއަދު ރަސްމީކޮށް ފައްޓަވައިފި އެވެ.

މިއަދު މާލޭގައި ފެށި މި ހަރަކާތުގައި ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ މާފަންނު ހުޅަނގު ދާއިރާއަށެވެ. އެ ދާއިރާގެ ގޭގެއަށް ވަޑައިގެން ރައީސް ވަނީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވާ ފައެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި، ޕީއެންސީގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެއިތުރުން، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް ވަނީ ރައީސާއެކު އަމަލީގޮތުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

ޕީއެންސީން ބުނިގޮތުގައި، މި ކެމްޕޭން ހަރަކާތް މާލޭގެ އެހެން ދާއިރާތަކުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފަ އެވެ. އަދި އެކި ރަށްރަށުގައި ބާއްވާ ހަރަކާތްތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ސަރުކާރު ހިންގާ ޕާޓީން މިހާ ވަރުގަދައަށް ތައްޔާރުވަމުންދަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ހޯދުމުގެ މަގްސަދުގަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%