ބިދޭސީ މީހާގެ މަރު: ލަންކާ ޑްރައިވަރުގެ ބަންދަށް 45 ދުވަސް އިތުރުކޮށްފި

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 15:41
ތިލަފުށި ވެމްކޯ ސައިޓް--- ފޮޓޯ:އެޗްޑީސީ
ތިލަފުށި ވެމްކޯ ސައިޓް--- ފޮޓޯ:އެޗްޑީސީ
ޚުލާސާ

އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ

ކ. ތިލަފުށީ ވެމްކޯ ސައިޓުގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 45 ދުވަސް ދީފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެކްސްކަވޭޓަރު ދުއްވަން އިން ލަންކާގެ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދާތާ ދެ ދުވަސް ފަހުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އަމީން މިއާ މަރުވީ ލަންކާ މީހާ އޮޕަރޭޓްކުރި އެކްސްކަވޭޓަރުގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު އޭނާގެ ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެންނެވެ.

ހެޝަން މަދުރަންގަގެ މައްޗަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ތުހުމަތެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 45 ދުވަހުގެ މުއްދަތެއް ދީފައެވެ. މީގެ ކުރިން އޭނާގެ ބަންދަށް ހަތް ދުވަހާއި 10 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

Ad

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވެ އެވެ. އޭގެ ތެރޭގައި ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުގެ ފޮޓޯތައް ހިމެނެއެވެ. އެ ފުޓޭޖުތަކުން އެނގޭ ގޮތުގައި އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުމަށްފަހުވެސް، އެއްވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހާދިސާ ހިނގި ފަހުން އޭނާ އަމިއްލަ ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ކަމަށް ހެއްކެއްގެ ބަޔާނުން އެނގެ އެވެ. އެހެންކަމުން އޭނާ ރާއްޖެއިން ފިލައިގެން ދިއުމުގެ އިހްތިމާލު އޮތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާއަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އަމީން މިއާގެ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އެހެން ދިމާލަކަށް ބަދަލުކުރެވި، ކުނިތައް ގައިމައްޗަށް އެޅުނު ނަމަވެސް، އެއީ ޑްރައިވަރަށް އެނގިގެން ހިނގި ކަމެއްކަން މިހާތަނަށް ކަށަވަރު ނުވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%