ވެށިފަހި އަދި ހިޔާ މަޝްރޫއިން ފްލެޓަށް ހޮވި ލިޔުން ނެތް ފަރާތްތަކަށް އެހެން ލިޔެކިޔުން ހުށަހެޅޭނެ: މިިނިސްޓްރީ

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 19 ފެބްރުއަރީ 2026 15:24
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް---ފޮޓޯ: ޚުލާސާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް---ފޮޓޯ: ޚުލާސާ
ޚުލާސާ

މިއީ އެކި ސަބަބުތަކާ ހުރެ ލިޔެކިޔުން ގެއްލިފައިވާ ފަރާތްތަކުން ފްލެޓަށް އެދި ހުށަހަޅަން ދިން ލުޔެއް

ވެށިފަހި މާލެ މަޝްރޫއާއި ހިޔާ މަޝްރޫއަށް ހޮވި، ނަމަވެސް މިހާތަނަށް ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުނުކަމުގެ ރަސްމީ ލިޔުން ނެތް ފަރާތްތަކަށް، އެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ ހިޔާ ނުވަތަ ވެށިފަހި މަޝްރޫއުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ލިބި، ފްލެޓް ހަވާލުނުކުރާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް ކުރިމަތިލާއިރު، އަސްލު ލިޔުން ނެތްނަމަ ކަމާގުޅޭ އިދާރާއަކުން އާންމުކޮށްފައިވާ ލިސްޓެއް ނުވަތަ އެފަރާތަކަށް ފްލެޓް ލިބޭނެކަން ކަށަވަރުވާ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ. އެގޮތުން ރަސްމީ ލިސްޓުގައި ނަން އޮތްކަން ފެންނަ ލިޔެކިޔުމެއް ހުށަހެޅުމުން އެ ކެޓަގަރީގެ ޝަރުތު ހަމަވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

ވެށިފަހި މާލެ މަޝްރޫއަކީ 2010 ވަނަ އަހަރު މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްގެން ފެށި މަޝްރޫއެކެވެ. އަދި ހިޔާ މަޝްރޫއަކީ 2017 ވަނަ އަހަރު އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެކެވެ. މި ދެ މަޝްރޫއުގެ ތެރެއިން ވެށިފަހި ސްކީމުން ބޯހިޔާވަހިކަން ލިބޭނެ ކަމަށް ކަނޑައެޅި 160 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭ ކަމަށް ބުނެ 2020 ވަނަ އަހަރުވެސް ޝަކުވާ ހުށަހަޅާފައިވެ އެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި، މިގޮތަށް ފްލެޓް ނުލިބި ތިބި ފަރާތްތަކަށް ހާއްސަ ކެޓަގަރީއެއް ވަނީ ހިމަނާފަ އެވެ. މި ކެޓަގަރީއަށް ޖުމްލަ 500 ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި އެއްބަސްވުމުގައި ރަޖިސްޓްރީގެ ލިޔެކިޔުން ނެތް ފަރާތްތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޝަރުތުހަމަވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%