މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ހުސްކުރި މާލޭ ނޯތު ހާބަރު ސަރަހައްދު، މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުފަހަރަށް އަލުން ހުޅުވާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.
އެމްޕީއެލްއިން ބުނީ މި ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދުފަހަރާއި މަސް އޮޑިފަހަރަށް މިރޭ 23:00 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. ނަމަވެސް މި ސަރަހައްދުގައި ބަނދަރު ކުރެވޭނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. އެގޮތުން މި ސަރަހައްދުގައި ބަނދަރު ކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދު ފަހަރަށް އެކަނި ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ނޯތު ހާަބަރު ހުސްކުރުމުން އެ ސަރަހައްދަށް ބަނދަރުކުރަމުން އައި އޮޑިދޯނިފަހަރު ބަނދަރު ކުރަމުން އައީ ހުޅުމާލެ އާއި ތިލަފުށި އަދި މާލޭގެ އެއްނަމްބަރު ޖެޓީ ސަރަހައްދަށެވެ. ނޯތު ހާބަރު އަލުން ހުޅުވާލުމުން އޮޑިދޯނިފަހަރު ތަކަށާއި އާއްމުންނަށްވެސް ބޮޑު ލުޔެެއް ލިބިގެންދާނެ އެވެ.
އޭގެ އިތުރުން މި ރަމަޟާން މަސް ތެރޭގައި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އެމްޕީއެލްއިން ދަނީ 3,000 އަކަފޫޓުގެ ހިޔާ ކޮށްފައިވާ ޝެޑެއް ގާއިމުކޮށްގެން ހިދުމަތް ދެމުންނެވެ. ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވާލުމާއެކު، މި ޝެޑަށް އޮތް ބާރު ކުޑަވެގެންދާނެ ކަމަށް ބެލެވެ އެވެ.
ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދު ތަރައްގީކޮށް ނިންމުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. މި މަޝްރޫއުގެ ދަށުން ޗާންދަނީ މަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގު ވަނީ ދެކޮޅަށް ދުއްވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފަ އެވެ. އަދި މަގު ފުޅާކުރުމަށްޓަކައި ފަޅުތެރެއިން ބައެއް ހިއްކައިގެން ހަ މީޓަރުގެ ސަރަހައްދެއް މަގަށް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.









