ސީޕީ ނަވީން ފުލުހުންގެ ހިދުމަތުން ރިޓަޔާކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 18 ފެބްރުއަރީ 2026 23:11
ކޮމިޝަނާ އޮފް ޕޮލިސް ނަވީން. / ފޮޓޯ: ޕޮލިސް
ކޮމިޝަނާ އޮފް ޕޮލިސް ނަވީން. / ފޮޓޯ: ޕޮލިސް
ޚުލާސާ

ނަވީން ރިޓަޔާ ކުރެއްވިއިރު، އޭނާ ވަނީ މުއައްސަސާގެ އެކި ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވޭ.

ދިވެހި ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ނަވީން، ފުލުހުންގެ ވަޒީފާއިން މިއަދު ރިޓަޔާކުރައްވައިފި އެވެ.

ނަވީން މަގާމުން ރިޓަޔާކުރައްވާފައި މިވަނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްތަކާ ހިލާފަށް އަމަލުކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، އޭނާ ހިމެނޭހެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ލަފާދީފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް، ކޮމެޓީން އެގޮތަށް ލަފާދީފައި އޮތް ނަމަވެސް، މިހާތަނަށް އެ ފިޔަވަޅު ތަންފީޒުކޮށްފައެއް ނުވެ އެވެ.

ނަވީން އަކީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާކުރެއްވުމާ ގުޅިގެން، އާ ކޮމިޝަނަރަކު އައްޔަންކުރެވެންދެން ފުލުހުންގެ މުއައްސަސާ ވަގުތީގޮތުން ހިންގެވުމާވެސް ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ރަސްމީކޮށް އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އޭރު އަލީ ޝުޖާއު ރިޓަޔާ ކުރެއްވީ، މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުންގެ މުއައްސަސާއަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، މާލޭގެ މަގުތަކުގައި މުޒާހަރާތައް ހޫނުވެފައި އޮތް ދަނޑިވަޅެއްގަ އެވެ.

ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށްފަހު ނަވީން ރިޓަޔާ ކުރެއްވިއިރު، އޭނާ ވަނީ މުއައްސަސާގެ އެކި ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވާފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%