ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް އޮޕަރޭޝަންތައް، ޓާމިނަލް 2 އަށް ބަދަލުކޮށްފި އެވެ.
ވީއައިއޭ އިން ބުނީ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓަރމިނަލް 2 އަށް ބަދަލުކޮށްފައި ވަނީ ބޮޑެތި ބަދަލުތަކަކާއެކުގައި ކަމަށެވެ.
އެގޮތުން ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓާމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެ ކަމަށް ވީއައިއޭ އިން ވަނީ ބުނެފަ އެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެ ކަން ވެސް ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން ޓާމިނަލް 2ގައި ދެ ޖިންސަށް ވަކިން ނަމާދު ކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެއެވެ.
އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށް, ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބެހެއްޓިފައެވެ.
ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް، ޓަރމިނަލް 2 އަށް ބަދަލުކުރުމަށް އިއްޔެ ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް އެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުން، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި ޓާމިނަލްގެ އޮޕަރޭޝަންތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.










