ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންގްލަދޭޝްއަށް ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅަކީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ މުހައްމަދު ޔޫނުސްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެ ގައުމުގެ އާ ސަރުކާރު ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ފެބުރުއަރީ 2026 ގައެވެ.
ފެބުރުވަރީ މަހުގެ 16 އިން 18 އަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިގް ރަހްމާނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 22 ސެޕްޓެންބަރު 1978 ގައެވެ. އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގާތް ގުޅުމެއް ދަނީ ބާއްވަމުންނެވެ.









