އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު މިދިޔަ ހުކުރު ދުވަހު ފަލަސްޠީނުގެ ގައިދީންގެ ބޯމައްޗަށް ބޫޓާއި އެކީގައި އަރައި އަނިޔާ ކޮށްފި ކަމަށް ފަލަސްތީނުގެ ހައްގުތަކާ ބެހޭ ޖަމާއަތުން މިއަދު ބުނެފިއެވެ.
އޭނާ މި އަނިޔާ ދީފައި ވަނީ ރާމަالله ކައިރީގައި އޮންނަ އޮފަރު ޖަލުގެ ބަޔަކަށް ވަދެއެވެ.
ފަލަސްތީނުގެ ޕްރިޒަނަރ ސޮސައިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަލުގެ “ސެކްޝަން 26” އަށް “ސެކިއުރިޓީ އިންސްޕެކްޝަން” ގެ ނަމުގައި ވަނީ ހަތިޔާރާއި ކަރުނަގޭހާއި އެކު ކަމަށާއި ބައިގަޑިއެއްހާ އިރު ވަންދެން މީހުންނަށް އަނިޔާ ކުރުމުގައި ބެން ގްވީރު ހުރި ކަމަށެވެ.
އިސްރާއީލުގެ މީހުން މަރާލި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނުގެ ގައިދީން ތިބި ޖަލަށް ބެން ގްވީރު ވަދެ އެ މީހުންނަށް އަނިޔާކުރިއިރު، އެ އެންމެން މަރަން އިސްރާއީލުގެ ނެސެޓް އިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާސްކޮށްފައެވެ. އެ ބިލް ގާނޫނަކަށް ހެދުމަށް ދެވަނަ ކިޔުމާއި ތިންވަނަ ކިޔުން ފާސްކުރަން ޖެހޭނެއެވެ.
މުސްލިމު ގައިދީންނަށް ބެން ގްވީރު އަނިޔާކުރީ ބިންމައްޗަށް ވައްޓާލުމަށްފަހު ބަންޑުން ބާއްވައި ބޮލަށް ފައިން އަރައި ބިންމަތީގައި މޫނު ފިއްތާލައިގެންނެވެ.
ފަލަސްތީނާއި އިސްރާއީލުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި ގާތްގަނޑަކަށް 350 ކުޑަކުދިން ހިމެނޭ ގޮތަށް އިސްރާއީލުގެ ޖަލުތަކުގައި 9،300 އަށް ވުރެ ގިނަ މީހުން މިވަގުތު ބަންދުކޮށްފައި އެބަހުއްޓެވެ.










