މައިމުޅަވުމުގެ ސަބަބުން ތަރިކައިން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް މިހާރު އޮންނަ އޮތުން ބަދަލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.
ބިމާ ބެހޭ ގާނޫނުގެ 15 ވަނަ މާއްދާއަށް ހުށަހެޅި މި އިސްލާހުގައި ބުނެފައިވަނީ، ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ، އެ ގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންނާއި، ބިމުގެ ތަނަވަސްކަން ލިބިފައިނުވާ މައިމުޅަވާ ދަރިންގެ މެދުގައި ބަންޑާރަ ބިމުން ބައި ލިބިދޭން ޖެހޭނެ ކަމަށެވެ.
މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ބިމުގެ ތަނަވަސްކަން ހުރި ކަމަށް ބަލާނީ، ގަތުމަކުން، ވިއްކުމަކުން، ހިބައަކުން، ވަސިއްޔަތަކުން ނުވަތަ ތަރިކައަކުން ބިމެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީ ކުރެވިފައިވުމުންނެވެ. މީގެ އިތުރުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ބިމެއް ނުވަތަ ފްލެޓެއް ލިބިފައިވުމަކީ ވެސް ތަނަވަސްކަން ހުރި ކަމަށް ބެލެވޭނެ ހާލަތެކެވެ.
މިހާރު އަމަލުކުރަމުންދާ ބިމާބެހޭ ގާނޫނުގައި އޮންނަ ގޮތުން، ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ނަމަ އެ ގޯތި ބައިކޮށްދެވެނީ ހަމައެކަނި ތަރިކައިގެ އުސޫލުން މުދާ ލިބޭ މީހުންގެ މެދުގަ އެވެ. މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި ތިއްބާ ދަރިން މަރުވާ ހާލަތުގައި، މަރުވެފައިވާ ދަރިއެއްގެ ދަރިންނަށް (ކާފަ ނުވަތަ މާމަގެ) ތަރިކަ މުދަލުން ބައި ނުލިބޭ ހާލަތެވެ. އިސްލާމީ ޝަރީއަތުގައި މައިމުޅަވުމުން ތަރިކައިން ބައި އުނިވާތީ، ކޯޓުތަކުން މިހާތަނަށް އަމަލުކުރަމުން އައީ އެ އުސޫލަށެވެ.
މި އިސްލާހުގައި މައިމުޅަ ދަރިންގެ މާނަ ކޮށްދީފައިވަނީ، އެ ދަރިއެއްގެ ބައްޕަ ނުވަތަ މަންމަ ދުނިޔޭގައި ހުރި ނަމަ ތަރިކައިން ބައި ލިބޭނެ، ނަމަވެސް ތަރިކައިގެ މައްޔިތާގެ ކުރިން އެ މީހުން މަރުވުމުގެ ސަބަބުން ތަރިކަ ނުލިބޭ މީހުންގެ ދަރިންގެ ގޮތުގަ އެވެ. މި ބަދަލާއެކު، ބަންޑާރަ ބިމުގެ މަންފާ އެފަދަ ފަރާތްތަކަށް ލިބުމުގެ މަގު ފަހިވެގެންދާނެ އެވެ.









