ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ސިއްރުން ހެކިބަސް ދިން މީހާ، އޭނާގެ ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ފޮނުވި ކަމަށް ބުނާ، ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން ފަށައިފި އެވެ.
އެ މައްސަލައިގައި އޭގެ ކުރިން ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ މީހުންގެ މައްޗަށް ކުށް ސާބިތުކުރަން އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ހުށަހެޅުނީ އެ ސިއްރު ހެކިވެރިޔާގެ ހެކިބަހެވެ.
ނަމަވެސް އޭރު ކްރިމިނަލް ކޯޓުން މައްސަލައިގެ ހުކުމް ނެރުނު އިރު، އެ ހެކިވެރިޔާ އޭނާގެ ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ސިޓީއެއް ފޮނުވާފައިވާ ކަން މިއަދު ޝަރީއަތުގައި ވަނީ ފާހަގަކޮށްފަ އެވެ. ހުކުމްގައި ކޯޓުން އޭރު ނިންމާފައި އޮތީ އެ ސިޓީއާ މެދު ބަހުސެއް ނުކޮށް، އެއަށް ރިއާޔަތް ވެސް ނުކޮށް، ހެކިވެރިޔާގެ ހެކިބަހަށް ބުރަދޭށެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ހުކުމް ކުރި ފަހުން، ކްރިމިނަލް ކޯޓުން އިއްވި މި ހުކުމް ހައިޝަމް އާއި ޒިހާންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، ހައި ކޯޓުން ވަނީ ކުރިމިނަލް ކޯޓަށް އެ މައްސަލަ ބެލުމަށް އަލުން އަނބުރާ ފޮނުވާފަ އެެވެ. އަދި ހައި ކޯޓުން އެންގީ ސިއްރު ހެކިވެރިޔާ ފޮނުވި ސިޓީއާ މެދު، ދެ ފަރާތަށް ވާހަކަ ދައްކަން ފުރުސަތުދީ، އެއާ މެދު ގޮތެއް ކަނޑައެޅުމަށެވެ. ހައި ކޯޓުން ދަށު ކޯޓަށް އެ މައްސަލަ ބެލުމަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.
އެހެންކަމުން ހައި ކޯޓުގެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް އަލުން ފަށައިފަ އެވެ. އިއްޔެ ހަވީރު ކޯޓުގައި ލައިވްކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ސިޓީއާ ގުޅޭ ގޮތުން މައްސަލަ ބަލަން އެކުލަވާލި ތިން ގާޒީންގެ ބެންޗުން ވަނީ ދައުލަތާ ސުވާލުކޮށްފަ އެވެ.
ދައުލަތު ވަކީލް ވިދާޅުވީ އިއްޔެގެ އަޑުއެހުމުގައި ބުނެފައި ވަނީ އެ ސިޓީއަކީ ސިއްރު ހެކިވެރިޔާ ފޮނުވި ސިޓީއެއް ކަން ކަށަވަރު ކުރަން މިހާތަނަށް ދައުލަތަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ. އެހެން އެކަން ދިމާވީ، އެފަދަ ސިޓީއެއް އޮތް ކަން ދައުލަތަށް ވެސް އެނގުނީ، ކްރިމިނަލް ކޯޓުގެ ހުކުމްގެ ތެރެއިން ކަމަށްވާތީ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އެ ސިޓީ ބަލައިނުގަންނަން ނިންމާފައިވާތީ ހައި ކޯޓުގައި ދައުލަތުން ވަކާލާތު ކުރަމުންދިޔައީ އެ ނިންމުން ރަނގަޅު ކަމަށް ބަލައިގެން ކަމަށެވެ. އެހެންކަމުން އެ ސިޓީއާ މެދު އިތުރު ފިޔަވަޅުތަކެއް އެޅިފައިނުވާނެ ކަމަށެވެ.
ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އިބްރާހިމް އިހުސާން ވަނީ ހައި ކޯޓުންގެ ނިންމުން ޑިސެމްބަރު މަހު އަންގާފައިވާ އިރު، އެހާ ދުވަސްވެފައިވާއިރު ސިޓީއާ މެދު އެއްވެސް ގޮތެއް ދައުލަތުން ނިންމާފައި ވާނެ ކަމާމެދު ދައުލަތުގެ ވަކީލާ ސުވާލު ކުރައްވާފަ އެވެ.
ދައުލަތުގެ ވަކީލް އެ ސުވާލަށް ރައްދު ދެއްވާ ވިދާޅުވީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައަކަށްވާތީ އަޑުއެހުމުގެ ކުރިން ސިޓީއާ މެދު އެއްވެސް ފިޔަވަޅެއް އަޅަން ދައުލަތުން ބޭނުން ނުވީ ކަމަށެވެ.
ނަމަވެސް، ވަކީލް ވިދާޅުވި ގޮރުގައި މިހާރު ހައި ކޯޓުގެ ނިންމުމާ އެކު އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމުގެ ހާލަތު ވުޖޫދުވެފައިވާ ކަމަށެވެ.
ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ފަރާތުން ވަނީ މި މައްސަލައިގައި ބެންޗެއް އެކުލަވާލަން ޖެހުން ސަބަބު ބަޔާން ކުރުމަށާއި ލައިވްކޮށް ޝަރީއަތް ކުރިއަށް ގެންދާ ސަބަބު ސާފުކޮށްދިނުމަށް ޝަރީއަތާ ސުވާލުކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ގާޒީ އިހުސާން ވިދާޅުވެފައި ވަނީ އެ މައްސަލައަކީ ބަންދުގައި ބަޔަކު ވަރަށް ގިނަ ދުވަހު ހޭދަކުރާ މައްސަލައަކަށް ވާތީ އެވެ. އަދި އެ މައްސަލަ ދިގުލައިގެންދާ ސަބަބު މުޖުތަމައުއަށް ސާފުވާން ޖެހޭ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އެގޮތަސް ކަންތަ ކުރުމުގެ ސަބަބުން ރައްޔިތުންނަށް. ކޯޓަށް ތައްޔާރު ނުވެވެނީތޯ ނުވަތަ ވަކީލުންނަށް ތައްޔާރު ނުވެވެނީތޯ ނޫނީ ނިޒާމުގެ ތެރޭގައި ހުރި އެހެން ގޮންޖެހުންތައް ހުރިއްޔާ ހުރިކަން ވެސް ސާފުވާން ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
އިއްޔެގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުން ވަނީ އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރަން ކޯޓުން އިޖުރާއަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތަށާއި ދައުވާ ލިބޭ މީހުންގެ ވަކީލުންނަށް ގާޒީ އެންގެވީ އެ ސިޓީއާ މެދު ދެކޭ ގޮތާއި މެދު ވާހަަކަ ދައްކަން ތައްޔާރުވުމަށެވެ. އެގޮތުން މި މަހުގެ 26 ވަނަ ދުވަހަށް އަޑުއެހުމެއް ވަނީ ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ އިހުސާން ވިދާޅުވީ މި މައްސަލައިގެ ދައުވާ ލިބޭ ދެ މީހުންނަކީ ބަންދުގައި ގިނަ ދުވަހު ތިބި ބަޔަކަށް ވުމާއެކު މައްސަލަ އަވަހަށް ނިންމަން ބޭނުންވާ ކަމަށާއި ހައި ކޯޓުން އަންގާފައިވަނީ ވަކި ކަމެއް ބެލުމަށް ކަމަށްވާތީ، މިމައްސަލައާ ގުޅީގެން ދެން ބާއްވާނީ އެންމެ އަޑުއެހުމެއް ކަމަށެވެ.
ޔާމީނު ރަޝިދުގެ މައްސަލަ ބަލުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ: ރިޔާސަތުގައި އިންނެވި ގާޒީ އިހުސާންގެ އިތުރުން ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ އަލީ ނަދީމެވެ.










