އެމެރިކާގެ ޢަސްކަރިއްޔާއިން ދަނީ އީރާނާ ދެކޮޅަށް މެދުކެނޑުމެއްނެތި ދިގުދެމިގެންދާ ހަމަލާތަކެއް ދިނުމަށް ތައްޔާރުވާން އަވަދިނެތި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ދެ މަސްއޫލުވެރިއަކު އިނގިރޭސި ނޫސް އެޖެންސީއަކާ ވާހަކަ ދައްކަވަމުން ވިދާޅުވީ މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ ކެމްޕެއިންގެ ސަބަބުން އެމެރިކާ ސިފައިންނަށާއި މެދުއިރުމައްޗަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.
އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާރު ހިނގަމުންދާ ހަމަލާ ދިނުމުގެ ރޭވުންތައް މާބޮޑަށް ފުޅާވެގެން ދިއުމުން އެމެރިކާއިން އަމާޒު ކުރާނީ ހަމައެކަނި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ނޫނެވެ. ދައުލަތުގެ މުހިއްމު މަރުކަޒުތަކަށާއި ސަލާމަތީ މަރުކަޒުތަކަށް ވެސް އެމެރިކާއިން ހަމަލާދޭނެ އެވެ.
ހުޅަނގުގެ މީޑިއާތަކުން ބުނާ ގޮތުގައި އެމެރިކާއިން މެދުއިރުމައްޗަށް އިތުރު މަތިންދާބޯޓު އުފުލާ ބޮޑު ބޯޓެއް ފޮނުވާއިރު، އެތައް ހާސް ސިފައިންނާއި އެތައް މަނަވަރަކާއި މިސައިލް ވައްޓާލާ ހަތިޔާރުތައް ވެސް މެދުއިރުމައްޗަށް ފޮނުވަމުން އެބަދެ އެވެ.
އެމެރިކާގެ ތަޖުރިބާކާރުން ބުނާގޮތުގައި އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ އީރާނުން ފުރިހަމައަށް ބަދަލު ހިފާނެ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމަވެރި އަމަލަކާ ގުޅިގެން އެމެރިކާ ސިފައިންނަށް ކުރިމަތިވާނެ ނުރައްކާތައް މި ދަނޑިވަޅުގައި ހިތަށް ގެންނަންވެސް ދައްޗެވެ.
އީރާނުގައި މިސައިލްގެ ވަރުގަދަ "ލަޝްކަރެއް" އޮތުމުން ބަދަލު ހިފުމަށް އީރާނުން ދޭ ހަމަލާތަކުން މުޅި ސަރަހައްދަށް ނުރައްކަލާއި ބިރުވެރިކަން އިތުރުވެގެން ދާނެ އެވެ.
އީރާނުގެ ބިރުކުޑަ އިންގިލާބީ ލަޝްކަރުގެ ވެރިން ވިދާޅުވާ ގޮތުގައި އެމެރިކާއިން ހަމަލާއެއް ދީފިނަމަ އެމެރިކާގެ ކޮންމެ އަސްކަރީ މަރުކަޒަކަށް އީރާނުގެ ހަމަލާތައް އަމާޒުކުރާނެ އެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް އުރުދުން، ކުވައިތު، ސައުދީ އަރަބިއްޔާ، ގަތަރު، ބަހްރެއިން، ޔޫއޭއީ އަދި ތުރުކީގައި އެބަހުއްޓެވެ.
އީރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި ނިއުކްލިއާ ޕްރޮގްރާމް ހަނިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާ އެދޭހާ ގޮތަކަށް އީރާނުގެ ބޯ ލަންބާލެވޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.










