ރަމަޟާން މަހަށް ފުރިހަމައަށް އިސްތިގުބާލު ކުރެވޭނީ، ރޯދައަކީ ކޮބައިކަން ފުރިހަމައަށް އެނގިގެން ކަމަށާއި، ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަނުން އެ މީހުންނަށް ކާންދޭ އިރު ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓަން އިލްތުމާސް ކުރައްވައިފިއެވެ.
ރާއްޖެ އަކީ ލޯކަލް ޓުއަރިޒަމް ފުޅާ ވަމުން އަންނަ ޤައުމަކަށް ވެފައި، ޓުއަރިޒަމްގެ ޙަރަކާތްތައް ހިންގާ ގިނަ ރަށްރަށުގައި ޢާންމުން ވެސް އުޅެނީ ފަތުރުވެރިންނާއި މަސްހުނިވެގެން ކަމަށް ވާއިރު، ޚުޠުބާގައި ބުނީ ރަމަޟާން މަހަށް ތައްޔާރުވުމަށް ރޯދައިގެ ހުކުމްތައް ދެނެގަތުން މުހިންމު ކަމަށެވެ.
ރޯދައަކީ، އެ ކަމަށް ނިޔަތްގަނެ، ފަޖުރުލީއްސުރެ، އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަ ގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުން ކަމުގައި ވީނަމެވެސް ރޯދަ މަކްރޫހަވާ އެހެން ކަންތައްތަކުން ވެސް ދުރުހެލިވާން ޖެހޭނެ ކަން ޚުޠުބާގައި ފާހަގަ ކުރިއެވެ. އެގޮތުން ރޯދައަށް ހުރެގެން ރުޅި އިސްކުރުމާއި، ދުލުގެ އާފަތްތަކުންނާއި، ދޮގުހެދުމުގެ އިތުރުން އުރެދުންތެރި އަމަލުތަކުން ރައްކާތެރިވުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.
ރޯދަމަހުގައި ޘަވާބު ހޯދުމަށާއި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
" ރަމަޟާންމަހަކީ، ރޭއަޅުކަންކުރުން މޮޅުއިތުރު މަހެކެވެ. އެހެނީ އެ ރެއެއްގެ ސަވާބާއި ދަރުމަ، އެއްހާސް މައްސަރަށް ވުރެ މަތިވެރި ލައިލަތުލްގަދްރި ހިމެނެނީ އެ މަހުގައެވެ. އެ ރޭ ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ވަކީން ހާއްސަކޮށް ޒުވާނުން ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތް ހާސިލުކުރުމަށް އަޒުމު ކަނޑައަޅާށެވެ! ރަމަޟާން މަހުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކުރާށެވެ! ނަމާދު ގާއިމުކުރުމަށް ފަރުވާތެރިވާށެވެ! " - ހުކުރު ހުތުބާގައި ބުންޏެވެ.









