ނިއުކްލިއާ ހަރަކާތްތަކާއި ގުޅޭ ގޮތުން އީރާނާއި އެމެރިކާގެ ނުސީދާ މަޝްވަރާތައް ކުރިއަށް ދިޔަ ކަމުގައި ވިޔަސް، ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަކީ “ރަތް ރޮނގު” ކަމަށް އީރާނުން އިއުލާން ކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަނީ އީރާނުގެ ނިއުކްލިއާ މަޝްރޫޢު ހަނިކުރުމާއި ގުޅޭގޮތުން ތެހެރާނާއި އެކު އެއްބަސްވުމަކަށް އައުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންނެވެ. އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ އީރާނުގެ ބެލިސްޓިކް މިސައިލު މަޝްރޫޢު ހަނި ކުރުވުމަށް ވޮޝިންޓަނުގައި ޓްރަމްޕާއި ބައްދަލު ކޮށް އެކަމުގައި ޓްރަމްޕަށް ވަރަށް ބޮޑަށް ޕްރެޝަރު ކޮށްފައެވެ.
ޓްރަމްޕާއި ނަތަންޔާހޫގެ ސައްލާތަކުގެ ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ އީރާނާއި އަސްކަރީ ގޮތުން ކުރިމަތިލުމަށް ތައްޔާރު ވުމަށް، އެމެރިކާގެ ދެވަނަ މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވާނެ ކަމަށް ޓްރަމްޕް ވަނީ އިޝާރާތެއް ދީފައެވެ.
އީރާނުން ބުނެފައި ވަނީ އެމެރިކާ އަށް އީރާނުގެ ދިފާޢި ކަންކަމުގައި ބަސް ނުބުނެވޭނެ ކަމަށާއި، ހުރިހާ ގޮތަކުން ވެސް ވޮޝިންޓަނާއި އާއި ކުރިމަތިލުމަށް ތެހެރާނު ތައްޔާރަށް އޮތް ކަމަށެވެ. އަދި އެމެރިކާ އަކީ ސުޕަ ޕަވަރު ކަމަށް އީރާނަކުން ނުދެކޭ ކަމަށާއި، ގަދަބާރުން އީރާން ލައްވައި އެއްވެސް ކަމެއް ކުރެވޭނެ ކަމަށް އެމެރިކާއިން ހީކޮށްގެން ނުވާނެ ކަމަށެވެ.










