ގޯލްޑެން ފުޓްސަލް ޗެލެންޖު 2026 ގެ ސެމީ ފައިނަލުގައި ކ. ވިލިމާލޭގެ މައްޗަށް 3-4 ގެ ނަތީޖާއިން މޮޅުވެ ތާރީހުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ކުރީ ކޮޅުގައި ގޯލެއް ޖަހައި ލީޑު ނެގީ ދެއްވަދޫ އިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބުކުރީ މުހައްމަދު އިމްރާން (އިންމި) ގެ އެހީތެރިކަމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހައިޝަމް (ޗުމްޕު) އެވެ. މެޗުގެ 15 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ވިލިމާލެއަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނީ ޝިޔާހް އެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ހުޒައިފަތު ރަޝީދު (ހުޒޭ) ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-2 އަށް ބަދަލުކޮށްފަ އެވެ. ހުޒޭ މި ގޯލު ޖެހީ ޗުމްޕު ނެގި ކޯނަރަކުންނެވެ.
ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމެއްގައި ޗުމްޕުގެ އެހީތެރިކަމާއެކު ދެއްވަދޫގެ ތިން ވަނަ ގޯލު ޖެހީ އިންމި އެވެ. އޭގެ ތިން މިނެޓު ފަހުން ސަމީހު ވަނީ ގޯލެއް ޖަހައި ނަތީޖާ 2-3 އަށް ބަދަލުކޮށްފަ އެވެ. އޭނާ މި ގޯލު ޖެހީ ވިފާގުގެ އެހީތެރިކަމާއެކު އެވެ. މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. މެޗުގެ ފަހު ގޯލު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ދުރު ޕެނަލްޓީއެއްގައި ކާމިޔާބުކުރީ ވިޝާހު (ވިއްޓު) އެވެ. އޭގެ ކުރިން ވިލިމާލެއަށް ވެސް ދުރު ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ދެއްވަދޫގެ ކީޕަރު ޝަޒްލީލް ވަނީ ހުޝިޔާރުކަމާއެކު ޕެނަލްޓީ ދިފާއުކޮށްފަ އެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވިލިމާލެއަށް ވަނީ އަނެއްކާވެސް ދުރު ޕެނަލްޓީއެއް ލިބިފަ އެވެ. މި ޕެނަލްޓީ ޝިޔާހު ވަނީ ވައްދާލާ ނަތީޖާ 3-4 އަށް ބަދަލުކޮށްފަ އެވެ.
ފައިނަލުގައި ދެއްވަދޫ ވާދަކުރާނީ ނައިވާދޫއާ ދެކޮޅަށެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ނައިވާދޫ ބައްދަލުކުރީ އޭދަފުށްޓާ ދެކޮޅަށެވެ. މެޗު 1-1 އިން އެއްވަރުވެ ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. ޕެނަލްޓީގައި ނައިވާދޫ ހަތަރު ޕެނަލްޓީ ވައްދާލިއިރު އޭދަފުށްޓަށް ވައްދާލެވުނީ ތިން ޕެނަލްޓީ އެވެ. ނައިވާދޫ ވަނީ މިދިޔަ އަހަރު ވެސް ފައިނަލުގައި ކުޅެފަ އެވެ.
ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެރޭ 20:30 ގަ އެވެ.










